ނަފްސާނީ ފިއްތުންތަކާއި ހާސްކަމުން ދުރުވުމަކީ ހަމައެކަނި ސިކުނޑިއަށް ލިބޭ ލުޔެއް ނޫންކަމާއި، އެއީ ހަންގަނޑު ރީތިވެ ނަލަވުމަށް އޮތް އެންމެ ބޮޑު ގުދުރަތީ ފަރުވާކަން ބައިނަލްއަގުވާމީ ސިއްހީ މާހިރުންގެ ހޯދުންތަކުން މިހާރު ވަނީ ސާބިތުވެފައެވެ. 

ނަފްސާނީ ދުޅަހެޔޮކަމާއި ހަމުގެ ދުޅަހެޔޮކަމާ ހުރި ގުޅުމަށް ހާއްސަވެފައިވާ "ސައިކޯޑާމަޓޮލޮޖީ" ދާއިރާގެ މާހިރުން ބުނާ ގޮތުގައި، މީހާ ކުރިމަތިލާ ކޮންމެ ނަފްސާނީ ފިއްތުމަކީ އޭގެ ނޭދެވޭ އަސަރު ހަންގަނޑުން ސީދާ ފެންނާނެ ކަމެކެވެ. ސަބަބަކީ ނަފްސާނީ ބުރަ ބޮޑުވުމުން ހަށިގަނޑުން ބޭރުކުރާ ހޯރމޯންތަކުގެ ސަބަބުން ހަންގަނޑުގެ ގުދުރަތީ ބާރުތައް ދެރަވެގެންދާތީއެވެ.

ނަފްސާނީ ފިއްތުންތަކާ ކުރިމަތިވުމުން ހަށިގަނޑުން "ކޯޓިޒޯލް" ކިޔާ ހޯރމޯނެއް ދޫކުރަން ފަށައެވެ. މި މާއްދާ އިތުރުވުމުން ހަމުގެ ސެލްތައް ދުޅަވުމަށް (އިންފްލެމޭޝަން) މަގުފަހިވެ، މޫނުގައި ބިހި ނެގުމާއި ހަންގަނޑު މިލުން ފަދަ ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ. ނިއު ޔޯކްގެ މަޝްހޫރު ހަމުގެ ޑޮކްޓަހރެއް ކަމަށްވާ ޑރ. ވިޓްނީ ބޯވް ވިދާޅުވެފައިވާ ގޮތުގައި، "އަހަރެމެންގެ ސިކުނޑިއާއި ހަންގަނޑާ ވަނީ ވަރަށް ވަރުގަދައަށް ގުޅިފަ. ނަފްސާނީ ގޮތުން ފިއްތުންތައް ކުރިމަތިވުމުން، ހަންގަނޑުގެ ރައްކާތެރިކަމުގެ ފަށަލަ ބަލިކަށިވެ، ހަންގަނޑު މުސްކުޅިވުން އަވަސްވެގެންދޭ." އެހެންކަމުން، ހާސްކަން ކުޑަކުރުމަކީ ހަމުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ކަމެކެވެ.

ހަމުގެ ބަލިތަކަށް ހާއްސަ ޕްރޮފެސަރެއް ކަމަށްވާ ޑރ. ރިޗަޑް ފްރައިޑް ވެސް ވަނީ ނަފްސާނީ ހަމަޖެހުމުގެ މުހިންމުކަން ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، "ނަފްސާނީ ފިއްތުންތައް ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން ހަށިގަނޑުގެ ލޭ ދައުރުވުން ރަނގަޅުވެ، ހަންގަނޑަށް ބޭނުންވާ ފައިދާހުރި މާއްދާތައް ލިއްބައިދީ، ހަމުގެ ގުދުރަތީ ނަލަކަން އަނބުރާ ގެނެސްދޭ," ކަމެކެވެ.

އެހެންކަމުން، ބޭރުފުށުގެ ފުރިހަމަ ނަލަކަމެއް ހޯދުމަށްޓަކައި އަގުބޮޑު ކްރީމްތައް ބޭނުންކުރުމުގެ ބަދަލުގައި، ނަފްސާނީ ފިއްތުންތަކުން ދުރުވެ ހިތުގެ ހަމަޖެހުން ހޯދުން މާ މުހިންމެވެ.