ތައިލެންޑްގެ މަޝްހޫރު ދެ ރަށެއް ކަމަށްވާ ކޯ ޓާއޯ އިން ފުރައިގެން ކޯ ސަމުއީއަށް 90 މިނެޓުގެ ދަތުރަކަށް ނުކުމެއުޅުނު ބޯޓެއް، ކުއްލިއަކަށް ކަނޑުގަދަވެ ބޮޑު ހާދިސާއަކާ ކުރިމަތިލާން ޖެހިއްޖެއެވެ. މި ބޯޓުން ދަތުރުކުރި ފަސިންޖަރުންގެ ތެރޭގައި ހިމެނޭ ރޮސް ސުމިތު އަދި އޭނާގެ ކޮއްކޮ ޖޯސީ ބުނި ގޮތުގައި، ދަތުރުގެ މެދުތެރެއިން ކުއްލިއަކަށް މޫސުން ގޯސްވެ ކަނޑު އާދަޔާ ހިލާފަށް ގަދަވިއެވެ.

ނުރައްކާތެރި ހާދިސާ ހިނގަން މެދުވެރިވީ ބާރުގަދަ ބޮޑު ރާޅެއް ބޯޓުގެ ފަހަތުކޮޅަށް ޖެހުމުންނެވެ. ރާޅުގެ ބާރުގަދަކަމުން ބޯޓުގެ ފަހަތު ދޮރު ހުޅުވިގެންދިޔައެވެ. އެއާއެކު ބޯޓުގެ ފަހަތުގައި އަތުރާފައި ހުރި ފަސިންޖަރުންގެ ގިނަ އަދަދެއްގެ ފޮށިތަކާއި ދަބަސްތައް، ރާޅާއެކު ބޭރަށް ދަމައިގަނެ، ކަނޑުގެ ތެރެއަށް ފައިބައިގެން ދިޔައެއެވެ.

މި ހާދިސާގެ ސަބަބުން ބޯޓުގައި ތިބި ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނު ނަމަވެސް، އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ. ބޯޓުގައި ތިބި މީހުން މީސްމީޑިއާގައި ހިއްސާކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި، ކަނޑަށް ދަބަސްތައް ފައިބައިގެން ދިޔަ ވަގުތު ފަސިންޖަރުން ތިބީ ބިރުން ހަޅޭލަވާށެވެ. މި ހާދިސާއާ ގުޅިގެން ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ.