މިއަހަރުގެ އަޟްހާ އީދު ނަމާދު މާލެ ސިޓީގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި، ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ބޮޑު ޖަމާއަތުގެ އީދު ނަމާދު މިއަހަރު ވެސް ކުރިއަށްދާނެއެވެ. ހުޅުވިފައިވާ ބޮޑެތި ސަރަހައްދުތަކުގައި ބޮޑު ޖަމާއަތް ހެދުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނައިރު، އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00 ގައެވެ.

މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތް ބާއްވާނެ ތަންތަން މިނިސްޓްރީން މިހާރު ވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލޭގައި ނަމާދު ކުރާނީ މާފަންނު ސްޓޭޑިއަމްގައެވެ. ވިލިމާލޭގައި ވިލިގިލި ބޯޅަދަނޑުގައި ބޮޑު ޖަމާއަތް ބާއްވާއިރު، ހުޅުމާލެ ފޭސް 1 ގައި އީދު ނަމާދު ކުރާނީ ސިންތަޓިކް ޓްރެކްގައެވެ. އަދި ހުޅުމާލެ ފޭސް 2 ގައި ބޮޑު ޖަމާއަތް ބާއްވަން ނިންމާފައިވަނީ ކުޅިވަރު އެކުވެނި (ސްޕޯޓްސް ކޮމްޕްލެކްސް) ސަރަހައްދުގައެވެ. އީދު ނަމާދުގެ ބޮޑު ޖަމާއަތް ބާއްވާ ވަގުތުތަކުގައި އެ ސަރަހައްދުތައް އާންމު އުޅަނދުތަކަށް ބަންދުވާނެއެވެ.

ބޮޑު ޖަމާއަތްތަކުގެ އިތުރުން މާލޭގެ ގިނަ މިސްކިތްތަކެއްގައި ވެސް އީދު ނަމާދު ކުރުމުގެ ފުރުސަތު އޮންނާނެއެވެ. އެގޮތުން މާލޭގެ 17 މިސްކިތެއްގައާއި، ވިލިމާލޭގެ 2 މިސްކިތެއްގެ އިތުރުން ހުޅުމާލެ ފޭސް 1 ގެ 5 މިސްކިތަކާއި ފޭސް 2 ގެ 2 މިސްކިތެއްގައި އީދު ނަމާދު ކުރާނެއެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ބޮޑު އީދު ދުވަހަކީ މި މަހުގެ 27 ވާ ބުދަ ދުވަހެވެ. ރާއްޖޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ފަށާފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ.