އައްޑޫ ރީޖަނަލް ފްރީ ޒޯން ރަސްމީކޮށް ހުޅުވައި، އެ ސަރަހައްދުގައި ވިޔަފާރިކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިއީ ވިޔަފާރިވެރިންނަށް ހާއްސަ ފުރުސަތުތަކެއް ލިބޭނެ މަޝްރޫއެއްކަމަށް ސަރުކާރުން ބުނެފިއެވެ.
މި ފްރީ ޒޯނަށް އިންވެސްޓަރުން ހޯދުމަށް ޓަކައި 2027 ވަނަ އަހަރުން ފެށިގެން 2029 ވަނަ އަހަރުގެ ނިޔަލަށް ހާއްސަ ލުއިތަކާއި އިނާޔަތްތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މި މަޝްރޫއަކީ އެމްޕީއެލް، އިކޮނޮމިކް މިނިސްޓްރީ، އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މިގޮތުން ހިތަދޫ ޕޯޓް ސަރަހައްދުން 1.7 ހެކްޓަރުގެ ބިމެއް މިކަމަށް ކަނޑައަޅާފައިވާއިރު، ފްރީ ޒޯންގެ ހަރަކާތްތަކަށް 20,000 އަކަފޫޓުގެ ސަރަހައްދެއް ވަނީ ތައްޔާރުކޮށްފައެވެ. މި ޒޯނުގައި ޑިއުޓީ-ފްރީ ކާގޯ ރޭވުމާއި، ގުދަންކުރުމާއި، އުޅަނދުތައް މަރާމާތުކުރުމުގެ އިތުރުން މުދާ އަލުން ބޭރުކުރުމުގެ ހިދުމަތްތައް ކުރިއަށްދާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި، އައްޑޫގެ ތަރައްގީ ބައްޓަންކުރާނީ އެ ސަރަހައްދުގެ ވިޔަފާރިވެރިންގެ ހިޔާލާއި ބޭނުންތަކަށް ބަލައިގެންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިގްތިސާދީ ތަސައްވުރުގެ ދަށުން ފެށި މި މަޝްރޫއުގެ ސަބަބުން ދެކުނުގެ އިގްތިސާދަށާއި ގައުމީ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. މި ފްރީ ޒޯނުގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މެއި 13 އިން ޖޫން 11 ގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފައެވެ.
