އެމެރިކާގެ މިޝިގަން ސްޓޭޓްގެ ކަލަމަޒޫގައި، އަނދަމުންދިޔަ ގެއެއްގެ ތެރޭގައި ތާށިވި އަންހެނަކާއި އޭނާގެ ތުއްތު ދަރިފުޅު ނުރައްކާތެރި ހާދިސާއަކުން ސަލާމަތްކޮށްފިއެވެ. ކަލަމަޒޫ ޕަބްލިކް ސޭފްޓީގެ އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގައި އެ ގޭގެ ދެވަނަ ބުރީގެ ކުޑަދޮރަކުން ތުއްތު ކުއްޖާ ތިރިއަށް ވައްޓާލުމުން، ތިރީގައި ހުރި ފުލުސް އޮފިސަރަކު ވަނީ ވަރަށް ހުޝިޔާރުކަމާއެކު އެ ކުއްޖާ އަތްދަށަށްލައި ހިފަހައްޓާފައެވެ.
މި ހާދިސާ ހިނގި ވަގުތު ކުއްޖާގެ މަންމަ ހުރީ ގޭގެ ދެވަނަ ބުރުގައި ބޭރަށް ނުކުމެވޭނެ އެހެން މަގެއް ނެތިފައެވެ. ނަމަވެސް، ދަރިފުޅު ސަލާމަތްކުރިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި، އެ ސަރަހައްދަށް އައި އިމަޖެންސީ ޓީމުން ވަނީ ހަރުގަނޑެއް ބޭނުންކޮށްގެން އެ އަންހެން މީހާވެސް ރައްކާތެރިކަމާއެކު ބިމަށް ބާލާފައެވެ. އަލިފާނުގެ ބާރުގަދަކަމުން މުޅި ސަރަހައްދު ދުމުން ފުރިފައި އޮތް ނަމަވެސް، ފުލުހުންނާއި ސަލާމަތީ ބާރުތަކުގެ އަވަސް ހަރަކާތުގެ ސަބަބުން ބޮޑު މުސީބާތަކުން ސަލާމަތްވިއެވެ.
މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައި ނުވާ ކަމަށް އޭބީސީ ނިއުސްއިން ރިޕޯޓްކޮށްފައިވެއެވެ. އާންމުންނާއި މީސްމީޑިއާގެ ގިނަ ބަޔަކު ދަނީ އަމިއްލަ ފުރާނައަށް ބެލުމެއްނެތި، ވެއްޓުނު ކުއްޖާ ހިފެހެއްޓި ފުލުސް އޮފިސަރުގެ ހުޝިޔާރުކަމަށާއި ހިތްވަރުގަދަކަމަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ.
