ތައުލީމީ ބިންގަލަކީ ކޮންމެ ކުއްޖެއްގެވެސް މުސްތަގުބަލު ބައްޓަންކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެވެ. މިގޮތުން އޯލެވެލް އިމްތިހާނުން މަތީ ނަތީޖާއެއް ހޯދުމަކީ ދަރިވަރުންނާއި ބެލެނިވެރިން އެންމެ ބޮޑަށް އުންމީދުކުރާ އަދި އެކަމަށްޓަކައި ރޭދުވާ ބުރަކޮށް މަސައްކަތްކުރާ ކަމެކެވެ. ރަނގަޅު ނަތީޖާއަކީ ކުރިއަށްދާނެ ރަނގަޅު މަގުތައް ހުޅުވައިދޭ ތަޅުދަނޑިއެކެވެ. ނަމަވެސް، ހަމައެކަނި ފޮތްތަކުން ހޯދާ މާކްސްތަކަކުން ނުވަތަ ސެޓްފިކެޓްގައި ޖެހޭ އޭ-ސްޓާ ތަކަކުން އެކަނި އިންސާނާ ފުރިހަމައެއް ނުވެއެވެ. ތައުލީމުގެ ހަގީގީ މަގުސަދަކީ ހަމައެކަނި ސިކުނޑި ތަރައްގީކުރުމެއް ނޫނެވެ.

ކިތަންމެ މަތީ ފާހެއް ހާސިލުކުރި ނަމަވެސް، ކުއްޖެއްގެ ކިބައިގައި އިޖުތިމާއީ އަޚުލާގެއް ނެތްނަމަ އެ ތައުލީމުގެ އެއްވެސް އަގެއް ނެތެވެ. އަޚުލާގަކީ އިންސާނާގެ އުޅުމާއި، ގުޅުމާއި، އަދި މުޖުތަމައުގެ ތެރޭގައި ހިފަހައްޓާ ރީތި އުސޫލުތަކެވެ. ބޮޑެތި މީހުންނަށް އިހުތިރާމްކުރުމާއި، ތެދުވެރިވުމާއި، އެހެން މީހުންނަށް އަޅާލުމަކީ ކޮންމެހެން ހުންނަންޖެހޭނެ ސިފަތަކެކެވެ. އިލްމުވެރި ނަމަވެސް ބާޒާރުމަތީގެ އުޅުން ހުންނަ، ހިތްތިރިކަމާއި އަދަބުވެރިކަމެއް ނެތް މީހަކަށް މުޖުތަމައުގެ ތެރެއިން ހަގީގީ ލޯތްބާއި ގަދަރުވެރިކަމެއް ދުވަހަކުވެސް ނުލިބޭނެއެވެ.

މަސައްކަތުގެ މާހައުލަށް ބަލާއިރުވެސް، މިއަދު ކުންފުނިތަކާއި އިދާރާތަކުން އެންމެ ބޮޑަށް ބަލަނީ ހަމައެކަނި ސެޓްފިކެޓްގެ މޮޅުކަމަކަށް ނޫނެވެ. އޮފީސްތަކުގެ ވަޒީފާތަކަށް މީހުން ހޮވާއިރު، އެމީހެއްގެ ކިބައިގައި ހުންނަ މުއާމަލާތުކުރުމުގެ ހުނަރާއި، އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ސިފައާއި، އަދި ތެދުވެރިކަމަށް ވަރަށް ބޮޑަށް އިސްކަންދެއެވެ. އޯލެވެލްއިން އެއްވަނަ ހޯދާފައި ހުރި ކުއްޖަކަށް، އޮފީހުގެ މުވައްޒަފުންނާ ރީތި ބަހުރުވައިން ވާހަކަދައްކަން ނޭނގޭނަމަ ނުވަތަ ކިބުރުވެރިކަން އިސްކުރާނަމަ، އެ ކުއްޖަކީ އެއްވެސް ތަނަކަށް ބޭނުންތެރި މީހަކަށް ނުވާނެއެވެ.

އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައިވެސް އިލްމު އުނގެނުމާ އެއްވަރަށް، ނުވަތަ އެއަށްވުރެވެސް ބޮޑަށް އަޚުލާގު ރަނގަޅުކުރުމަށް ބާރުއަޅުއްވާފައިވެއެވެ. އިލްމުގެ ބޭނުމަކީ އިންސާނާ ހެޔޮ އަދި ނުބައި މަގު ދެނެގަނެ، އޭނާގެ ނަފްސު ތާހިރުކުރުމެވެ. އިލްމު ލިބުމުން އިންސާނާގެ ކިބައިގައި ހުންނަންޖެހޭނީ ހިތްތިރިކަމެވެ. އެހެންކަމުން، ބެލެނިވެރިންނާއި މުދައްރިސުންވެސް ހަމައެކަނި ފޮތްތެރި އިލްމަށް ފޯކަސްކުރުމުގެ ބަދަލުގައި، ކުދިންގެ ހިތްތަކުގައި ދީނީ އަދި އިޖުތިމާއީ ރީތި އާދަތައް އަށަގަންނުވަން ގަދައަޅާ މަސައްކަތްކުރަންޖެހެއެވެ.

ސެޓްފިކެޓްތަކަކީ ދުނިޔޭގެ ވަގުތީ ކަރުދާސްތަކެކެވެ. ނަމަވެސް ރީތި އަޚުލާގަކީ ދުނިޔެއާއި އާޚިރަތުގައިވެސް އިންސާނާ މަތިވެރިކޮށްދޭނެ އަގުބޮޑު ޖަވާހިރެކެވެ. އޯލެވެލް ނަތީޖާ ކިތަންމެ ރަނގަޅުވިޔަސް، މީހުންނާ މުއާމަލާތުކުރާނެ ގޮތް ނޭނގޭ، އަދަބެއް ސަދަބެއް ނެތް ދަރިވަރެއްގެ ފުށުން މުޖުތަމައަށް ލިބޭނެ އެއްވެސް މަންފާއެއް ނެތެވެ. އަޅުގަނޑުމެން ބިނާކުރަންވީ ހަމައެކަނި ދުނިޔޭގެ ފާސްތަކަށް މޮޅު ކުދިންނެއް ނޫނެވެ. އަޅުގަނޑުމެން ބިނާކުރަންވީ އިލްމުން ސިކުނޑިތައް އަލިވެ، އަޚުލާގުން ހިތްތައް ޒީނަތްތެރިވެފައިވާ ފުރިހަމަ އިންސާނުންތަކެކެވެ.