ބޭސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ގަބޫލުކުރެވިފައި އޮންނަނީ ކެންސަރާއި، އާތުރައިޓިސް ފަދަ ދާއިމީ ބަލިތަކަކީ އުމުރުން ދުވަސްވުމުން ހަށިގަނޑަށް އަންނަ ގުދުރަތީ ބަދަލެއް ކަމަށެވެ. ނަމަވެސް، "އިމްޕެކްޓް ޖާނަލްސް" އިން ދާދިފަހުން ނެރުނު އައު ދިރާސާއަކުން ދައްކާ ގޮތުގައި، އުމުރުން ދުވަސްވުމާ ގުޅިފައިވާ މިފަދަ ބަލިތަކަކީ ހަގީގަތުގައި ބަލީގެ އަލާމާތްތައް ފެނުމުގެ އެތައް އަހަރެއް ކުރިން ހަށިގަނޑުގައި ފެށިފައިވާ ދެ ފިޔަވަހީގެ މަރުހަލާއެކެވެ. މިއީ މުސްކުޅިވުމުގެ ސަބަބުން ބަލިތައް އުފެދޭ ގޮތާ މެދު ސައިންސްވެރިން ދެކޭގޮތް މުޅިން ބަދަލުކޮށްލި ހޯދުމެކެވެ.

މި އައު ތިއަރީއިން ހާމަވާ ގޮތުގައި، ފުރަތަމަ ފިޔަވަހި ފެށެނީ އިންސާނާގެ ޒުވާން އުމުރުގައެވެ. ޒުވާންއިރު ހަށިގަނޑަށް ދިމާވާ ކުދިކުދި އިންފެކްޝަންތަކާއި، ކުޅިވަރުގެ ތެރެއިން ލިބޭ އަނިޔާތަކާއި، ނުވަތަ ސެލްތައް އުފެދުމުގައި ދިމާވާ ޖެނެޓިކް މުޓޭޝަންތައް (ބަދަލުތައް) ހަށިގަނޑުގައި ފޮރުވިފައި ހުރެއެވެ. ޒުވާންއިރު ހަށިގަނޑުގެ ދިފާއީ ނިޒާމާއި ސެލްތައް މަރާމާތުކުރުމުގެ ބާރު ވަރުގަދަވުމުގެ ސަބަބުން، މި ލިބޭ ގެއްލުންތައް ބޭރަށް ނުދައްކައި، މުޅިން ކޮންޓްރޯލްގެ ދަށުގައި ހިފަހައްޓައެވެ. އެހެންކަމުން މެޑިކަލް ޓެސްޓުތަކުންވެސް މި ގެއްލުންތަކެއް އޭރަކު ނުފެނެއެވެ.

ދެވަނަ ފިޔަވަހި ފެށެނީ އިންސާނާގެ އުމުރުން ދުވަސްވެ، މުސްކުޅިވާން ފެށުމުންނެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން ހަށިގަނޑުގެ ސެލްތައް ދިފާއުކުރުމުގެ ނިޒާމާއި، ޓިޝޫތައް އާލާކުރުމުގެ ގާބިލުކަން ގުދުރަތީ ގޮތުން ބަލިކަށިވާން ފަށައެވެ. މިގޮތުން ހަށިގަނޑުގެ ދިފާއީ އައްޑަނަ ބަލިކަށިވުމާއެކު، ޒުވާންއިރުއްސުރެ ހަށިގަނޑުގެ ތެރޭގައި ފޮރުވިފައި ހުރި ކުދިކުދި ގެއްލުންތަކާއި ވައިރަސްތައް ކޮންޓްރޯލުން ނެއްޓި، ބޭރަށް ނުކުމެއެވެ. ނަތީޖާއެއްގެ ގޮތުން، އެތައް އަހަރެއް ކުރިން ލިބުނު ކުޑަ ގެއްލުމެއްގެ ސަބަބުން އުމުރުގެ ފަހުކޮޅުގައި ކުއްލިއަކަށް ކެންސަރު ނުވަތަ ހުޅުތަކުގެ ބަލިތައް ފަދަ ބޮޑެތި ބަލިތައް ފެންނަން ފަށައެވެ.

މި ހޯދުމުގެ ސަބަބުން ރައްކާތެރިކަމުގެ ބޭސްވެރިކަމަށް ވަރަށް ބޮޑު ބަދަލެއް އަންނާނެއެވެ. ދާއިމީ ބަލިތަކަށް ފަރުވާ ދޭންޖެހެނީ ހަމައެކަނި އުމުރުން 60 އަހަރުވުމުން ނޫންކަމާއި، އޭގެ ބަދަލުގައި ޒުވާން އުމުރުގައި ހަށިގަނޑަށް ލިބޭ ކުދި އަނިޔާތަކަށްވެސް ވަގުތުން ފަރުވާދީ ރައްކާތެރިވާންޖެހޭކަން މިހާރު މިވަނީ އެނގިފައެވެ. އަޅުގަނޑުމެންގެ ހަށިގަނޑަކީ ވަރަށް ދިގު ހަނދާނެއް ހުންނަ އެއްޗެކެވެ. ޒުވާންއިރު އަޅާނުލައި ދޫކޮށްލާ ކުދިކުދި ސިއްހީ މައްސަލަތަކަކީ، ހަށިގަނޑުގެ ދިފާއީ ބާރު ދެރަވާނެ ވަގުތަކަށް ބަލަބަލައި ތިބޭ ނުރައްކާތެރި ދުޝްމަނުންތަކެއްކަން މި ދިރާސާއިން ސާބިތުވެއެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.