އިންސާނާގެ ހަށިގަނޑު މުސްކުޅިވުމާ ގުޅޭގޮތުން ސައިންސްވެރިން މިހާތަނަށް ގަބޫލުކުރަމުން އައި ބައެއް ކަންކަން ބަދަލުކޮށްލަންޖެހޭ ފަދަ ހައިރާންކުރުވަނިވި ހޯދުމެއް "އިމްޕެކްޓް ޖާނަލްސް" އިން ދާދިފަހުން ހާމަކޮށްފިއެވެ. އުމުރުން ދުވަސްވުމުން ހަށިގަނޑުގައި އުފެދޭ ބައެއް ބާވަތްތަކުގެ ސެލްތަކަށް ސައިންސްވެރިން ނަންދީފައިވަނީ "ޒޮމްބީ ސެލްސް" ގެ ނަމުންނެވެ. މީގެ ކުރިން ބެލެވިފައި އޮތީ މިއީ ހަށިގަނޑަށް ހަމައެކަނި ގެއްލުންދޭ މާއްދާތަކެއް ކަމަށެވެ. ނަމަވެސް އައު ދިރާސާތަކުން ދައްކާ ގޮތުގައި، މި ހުރިހާ ޒޮމްބީ ސެލްތަކަކީ ހަށިގަނޑަށް ނުބައި އެއްޗެހިތަކެއް ނޫނެވެ. އޭގެ ތެރެއިން ބައެއް ސެލްތަކަކީ ހަށިގަނޑު ރައްކާތެރިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެހިތަކެކެވެ.

"ޒޮމްބީ ސެލްތައް" ނުވަތަ ސައިންޓިފިކް ނަމުން ނަމަ "ސެނެސެންޓް ސެލްސް" އަކީ އުމުރުން ދުވަސްވުމުން ނުވަތަ ގެއްލުމެއް ލިބުމުން، އިތުރަށް އާލާވުން (ބައިބައިވުން) ހުއްޓާލާ ސެލްތަކެކެވެ. މި ސެލްތައް މަރުވެގެން ހަށިގަނޑުން ބޭރުވުމުގެ ބަދަލުގައި، ހަށިގަނޑުގެ ތެރޭގައި ދިރިހުރެއެވެ. މީގެ ކުރިން ހެދިފައިވާ ދިރާސާތަކުން އެނގިފައިވާ ގޮތުގައި، މި ސެލްތަކުން ބޭރުކުރާ ކެމިކަލްތަކުގެ ސަބަބުން އޭގެ ވަށައިގެން ހުންނަ ދުޅަހެޔޮ ސެލްތަކަށް ގެއްލުންވެ، މުސްކުޅިވުން އަވަސްވެ، ތަފާތު ބަލިތަކަށް މަގުފަހިވެއެވެ. އެހެންކަމުން، މުސްކުޅިވުން ހުއްޓުވުމަށް މިހާތަނަށް އުފެއްދި ބޭސްތައް އަމާޒުކުރީ ހަށިގަނޑުގައިވާ ހުރިހާ ޒޮމްބީ ސެލްތަކެއް ނައްތާލުމަށެވެ.

ނަމަވެސް، އެންމެ ފަހުގެ ހޯދުންތަކުން ސައިންސްވެރިންނަށް އެނގުނީ، ބައެއް ކަހަލަ ޒޮމްބީ ސެލްތަކަކީ ހަށިގަނޑުގެ ގުދުރަތީ ރިޕެއަރ ސިސްޓަމް ނުވަތަ މަރާމާތުކުރާ ނިޒާމަށް ކޮންމެހެން ބޭނުންތެރި ސެލްތަކެއް ކަމެވެ. މިސާލަކަށް، ހަށިގަނޑުގެ ތަނެއް ހަލާކުވެ، ފާރުވުމުން އެތަން އަވަހަށް ފަސޭހަކޮށްދިނުމަށާއި، ހަށިގަނޑުގެ އެކި ބައިތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައި މި ސެލްތަކުން އެހީތެރިވެދެއެވެ. އެހެންކަމުން، ހަށިގަނޑުން ހުރިހާ ޒޮމްބީ ސެލްތަކެއް އެއްކޮށް ނައްތާލައިފިނަމަ، ހަށިގަނޑު އަމިއްލައަށް މަރާމާތުވުމަށް ހުރަސްއެޅި، ފުރާނައަށް ނުރައްކާވާ ފަދަ އެހެން މައްސަލަތަކެއް ކުރިމަތިވެދާނެއެވެ.

މި ހޯދުމާއެކު، މުސްކުޅިވުން ލަސްކުރުމާ ބެހޭ ބޭސްވެރިކަމުގެ ދާއިރާއަށް މިހާރު ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައެވެ. ސައިންސްވެރިން މިހާރު މަސައްކަތް ކުރަމުންދަނީ "ޕްރެސިޝަން އެންޓި-އޭޖިންގް ތެރަޕީ" ނުވަތަ އަމާޒު ސީދާކޮށްގެން ދޭ ފަރުވާތަކެއް ތައާރަފުކުރުމަށެވެ. މީގެ ބޭނުމަކީ ހަށިގަނޑަށް ހަމައެކަނި ގެއްލުންދޭ ޒޮމްބީ ސެލްތައް ވަކިކޮށް ދެނެގަނެ، އެ ސެލްތައް އެކަނި ހަށިގަނޑުން ނައްތާލުމެވެ. އަދި ހަށިގަނޑަށް ފައިދާހުރި، ރައްކާތެރިކަންދޭ ޒޮމްބީ ސެލްތައް މަރާނުލައި ދިރި ބޭތިއްބުމެވެ.

އެހެންކަމުން، ކުރިއަށް އޮތް ތަނުގައި އުފެދޭ އެންޓި-އޭޖިންގް ބޭސްތައް ބިނާވާނީ ހަށިގަނޑުގެ ނިޒާމުތަކަށް ބުރޫނާރާނެހެން، ވަރަށް ބޮޑަށް ބަލައިގެން ދެވޭ ފަރުވާތަކެއްގެ މައްޗަށެވެ. މި ހޯދުމުގެ ސަބަބުން އިންސާނާގެ އުމުރު ދިގުކުރުމަށްވުރެ ބޮޑަށް، އުމުރުން ދުވަސްވާއިރު ބަލިތަކުން ސަލާމަތްވެ، ދުޅަހެޔޮކަންމަތީގައި ގިނަ ދުވަހު ހުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މިއީ އިންސާނާގެ ހަށިގަނޑު މުސްކުޅިވުމާ ދެކޮޅަށް ކުރެވޭ މަސައްކަތަށް ލިބުނު ވަރަށް އުންމީދީ އަދި ބޮޑު ކާމިޔާބީއެކެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.