އިންސާނާގެ ޙަޔާތުގައި ޙައްޤުގެ މަގު އިޚްތިޔާރުކޮށް، ހެޔޮކަންކަމަށް ގޮވާލައި ނުބައިކަންކަން މަނާކުރުމަކީ އޮމާން މަގެއް ނޫނެވެ. ތާރީޚަށް ބަލައިލި ކަމުގައިވިޔަސް، މުޖުތަމައެއްގައި ހުރި ނުބައި އާދަކާދަތަކާއި ބާތިލު ގޮތްތަކާ ދެކޮޅަށް ތެދުވި ކޮންމެ މީހަކަށްމެ، ފުރަތަމަ ކުރިމަތިލާންޖެހިފައިވަނީ ގާތްތިމާގެ މީހުންނާއި މުޖުތަމައުގެ ފާޑުކިޔުމާއި ނަފުރަތާއެވެ. މިއީ ދުނިޔޭގެ ސުންނަތެވެ. ޙައްޤު ބަސް ބުނުމަކީ ގިނަ ފަހަރަށް އެހެން މީހުންގެ ހިތްހަމަނުޖެހުމާއި، މަލާމާތާއި، އަދި ދެކޮޅުވެރިކަން ތިމާއަށް އަމާޒުވާނެ ކަމެކެވެ.
މިފަދަ ހާލަތްތަކުގައި މުއުމިނެއްގެ ހިތަށް ސާބިތުކަން ގެނެސްދެނީ ކީރިތި ޤުރުއާނުގެ މަތިވެރި އާޔަތްތަކެވެ. ޙައްޤުގެ މަގުގައި ސާބިތުވެ ތިބޭ މީހުންނަށް ކުރިމަތިވާނެ ގޮންޖެހުންތަކާއި، އެފަދަ ވަގުތުތަކުގައި ކެތްތެރިވުމުގެ މުހިންމުކަން ބަޔާންކުރައްވައި اللهُ ސުބުޙާނަހޫ ވަތަޢާލާ ސޫރަތުލް ފުރްޤާންގެ 20 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ: "وَجَعَلْنَا بَعْضَكُمْ لِبَعْضٍ فِتْنَةً أَتَصْبِرُونَ ۗ وَكَانَ رَبُّكَ بَصِيرًا" މާނައީ: އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ އެއްބަޔަކީ އަނެއްބަޔަކަށް އިމްތިޙާނެއް ކަމުގައިލެއްވީމެވެ. ތިޔަބައިމީހުން ކެތްކުރާނޫ ހެއްޔެވެ؟ އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ހުރިހާ ތަކެއްޗެއްމެ މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
މި އާޔަތުން އެނގޭ ގޮތުގައި، މުޖުތަމައެއްގެ ތެރޭގައި އެކަކު އަނެކަކާ ދެމެދު ހިނގާ ޚިޔާލުތަފާތުވުންތަކާއި ފާޑުކިޔުންތަކަކީ اللهُ މިންވަރުކުރައްވާފައިވާ އިމްތިޙާނެކެވެ. ޙައްޤަށް މަސައްކަތްކުރާ މީހާގެ އިޚްލާޞްތެރިކަން ހުރި މިންވަރު ބެއްލެވުމަށް ލެއްވި ކަމެކެވެ. މީހުންގެ ނަފުރަތާއި މަލާމާތަށް ބިރުން ޙައްޤު ބަސް ބުނުން ހުއްޓާލުމަކީ މުއުމިނެއްގެ ސިފައެއް ނޫނެވެ. އޭގެ ބަދަލުގައި، އެފަދަ ވަގުތުތަކުގައި ބޭނުންވަނީ ކެތްތެރިކަމެވެ.
މަޝްހޫރު އިސްލާމީ އިލްމުވެރިއެއް ކަމަށްވާ ޑރ. ޔާސިރު ޤާޟީ މި މައުޟޫޢާ ގުޅޭގޮތުން ވިދާޅުވެފައިވެއެވެ:"ތިބާ ޙައްޤުގެ މަގުގައި ހިނގަން ފަށައިފިނަމަ، އެންމެން ތިބާދެކެ ލޯބިވާނެކަމަށް އުންމީދު ނުކުރާށެވެ. މީހުންގެ ފާޑުކިޔުންތަކަކީ ތިބާގެ މަގުސަދު ބަލިކަށިކޮށްލާ އެއްޗަކަށް ނަހަދާށެވެ. އެހެނީ، އެންމެންގެ ރުހުމަކީ ދުވަހަކުވެސް ހާސިލުކުރެވޭނެ އެއްޗެއް ނޫނެވެ. ނަމަވެސް، اللهُ ގެ ރުއްސެވުމަކީ ހާސިލުކުރެވިއްޖެނަމަ ދެދުނިޔޭގެ ކާމިޔާބީ ލިބޭނެ އެއްޗެކެވެ."
މި ބަސްފުޅުން އެނގިގެންދަނީ، އަޅުގަނޑުމެންގެ މަގުސަދަކަށް ވާންޖެހޭނީ އާންމުންގެ ތައުރީފާއި ރުހުން ހޯދުން ނޫން ކަމެވެ. ޙައްޤަށް މަސައްކަތްކުރުމުގައި މީހުން ކިޔާފާޑަކަށް ބެލުމެއްނެތި، اللهُ ގެ ޙަޟްރަތުން ދަރުމައަށް އެދިގެން ކުރިއަށްދާންޖެހެއެވެ.
ޙައްޤަށް ގޮވާލުމަކީ ދިގު އަދި އުނދަގޫ ދަތުރެކެވެ. މީހުންގެ ނަފުރަތާއި ފާޑުކިޔުންތަކަކީ ތިމާ ކުރާ ހެޔޮ މަސައްކަތް ހުއްޓާލަންޖެހޭ ސަބަބެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ތިމާ ހިނގަމުންދަނީ ތާރީޚުގައިވެސް ޞާލިޙު އަޅުން ހިނގި ސީދާވެގެންވާ މަގުގައިކަން ހަނދާންކޮށްދޭ ނިޝާނެކެވެ. ބޭނުންވަނީ اللهُ އަށް ވަކީލުކޮށް، ސާބިތުކަމާއެކު ޙައްޤުގެ ދިފާއުގައި ދެމިއިރުމެވެ. ކާމިޔާބީއަކީ ކެތްތެރިންނަށް އޮތް އެއްޗެކެވެ.
ހަވާލާ: ޑރ. ޔާސިރް ޤާޟީ ގެ ދަރުހަކުން 2025.
