ދަރިފުޅު ރަހީނުކުރިތާ 24 އަހަރު ފަހުން ޗައިނާ މީހަކަށް އޭނާގެ ދަރިފުޅާ އަލުން ބައްދަލުވެއްޖެއެވެ. ދަރިފުޅު ހޯދުމަށްޓަކައި މި މީހާވަނީ ބައިމިލިއަން ކިލޯމީޓަރުގެ ދަތުރެއްކޮށް ގެއްލިފައިވާ ދަރިފުޅު ހޯދުމަށް 24 އަހަރު ދުވަސް މަސައްކަތްކޮށްފައެވެ.

އިރުމަތީ ޝަންޑޮން ޕްރޮވިންސްގައި ހުންނަ އާއިލީ ގެއިން ގުއޯ ގަންގްޓަންގެ ދަރިފުޅު ވަގަށްނެގިއިރު، ދަރިފުޅުގެ އުމުރަކީ އެންމެ ދެ އަހަރާއި ފަސް މަހެވެ.

އަންގާރަދުވަހު ޗައިނާގެ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީއިން ބުނެފައިވަނީ އިންސާނީ ވަގުފާރިކުރާ މީހުން އެ ކުއްޖާ ޖަހައިގަތުމަށްފަހު ޗައިނާގެ މެދުތެރޭގައި ދިރިއުޅޭ އާއިލާއަކަށް ވިއްކައިލި ކަމަށެވެ.

އެތައް އަހަރަކަށް ދެމިގެންދިޔަ ދަތުރަށްފަހު އާދީއްތަދުވަހު ފުލުހުންވަނީ ޗައިނާގެ މެދުތެރޭ އޮންނަ ހެނާން ޕްރޮވިންސްގައި ދިރިއުޅޭ 26 އަހަރުގެ ޓީޗަރެއް އެއީ ގުއޯގެ ދަރިފުޅުކަން ޑީއެންއޭ ޓެސްޓުތަކުން ކަށަވަރުވެފައިވާކަން އޭނާއަށް އަންގާފައެވެ.

ޗައިނާގެ ރަސްމީ ޓީވީއިން ދައްކާފައިވާ ވީޑިޔޯއެއްގައި ގުއޯ ބުނެފައިވަނީ އޭނާގެ ދަރިފުޅު މިހާރު ފެނިފައިވާތީ ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށެވެ.

ގުއޯގެ ދަރިފުޅު ގަތް އާއިލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއްނުކުރެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން ދެ މީހަކުވަނީ ހައްޔަރުކޮށްފައެވެ.