އެލީޓް ރަނާސް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "އެލައިޑް ހުޅުމާލެ ރަން 2026" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއަދު (22 މެއި) ހުޅުމާލޭގައި ބޭއްވި މި ދުވުމަކީ އާއިލާތަކާއި ދުޅަހެޔޮ ސިއްހަތަކަށް ލޯބިކުރާ ގިނަ ބައެއްގެ ބައިވެރިވުމާއެކު ކުރިއަށްދިޔަ ހަރަކާތެކެވެ. މި އިވެންޓުގައި ތަފާތު ހަތަރު ކެޓަގަރީއެއް ކުރިއަށް ގެންދިޔައިރު، އޭގެ ތެރޭގައި 1 މޭލުގެ ފެމިލީ ރަން، 5 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި 21.1 ކިލޯމީޓަރުގެ ހާފް މެރެތަން ހިމެނެއެވެ.

ދުވުންތެރިންގެ ރައްކާތެރިކަމަށް އިސްކަންދީގެން، މި ހަރަކާތުގައި ބައިވެރިވި ހުރިހާ ދުވުންތެރިންނަށް އެލައިޑް އިންޝުއަރެންސްގެ ފަރާތުން ވަނީ ކޮމްޕްލިމެންޓަރީ ގްރޫޕް ޕާސަނަލް އެކްސިޑެންޓް ކަވަރޭޖެއް ފޯރުކޮށްދީފައެވެ. އެގޮތުން އިވެންޓް ކުރިއަށްދިޔަ ވަގުތު ކޮންމެ ބައިވެރިއަކަށް ވެސް 100،000 ރުފިޔާއާ ހަމައަށް އެކްސިޑެންޓް ކަވަރޭޖް ހަމަޖައްސައިދީފައިވެއެވެ. މީގެ އިތުރުން، އިވެންޓް ނިންމުމުގެ ރަސްމިއްޔާތުގައި ނެގި ހާއްސަ ގުރުއަތުން ހޮވުނު 10 ނަސީބުވެރިއަކަށް، ކޮންމެ މީހަކަށް 2،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައެވެ.

މި ދުވުމުގެ ވާދަވެރި ކެޓަގަރީތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ބައިވެރިން ވަނީ ހޯދާފައެވެ. 21.1 ކިލޯމީޓަރުގެ ހާފް މެރެތަންގެ ފިރިހެން ބައިން އެއްވަނަ މުހައްމަދު ޝިފާޒް ހޯދިއިރު، އަންހެން ބައިން އެއްވަނަ ހޯދީ ޕެޗަރަޓް ޗްލާޑްޓޯއީ އެވެ. 10 ކިލޯމީޓަރުގެ ދުވުމުން ފިރިހެން ބައިގެ އެއްވަނަ ހުސެއިން ފަޒީލް ހޯދިއިރު، އަންހެން ބައިން އެއްވަނަ ހޯދީ ކަންލާޔާ ސަންކޯ އެވެ. އަދި 5 ކިލޯމީޓަރުގެ ދުވުމުން ފިރިހެން ބައިގެ އެއްވަނަ އާއިދު އަބްދުالله ރިފާއު ހޯދިއިރު، އަންހެން ބައިގެ އެއްވަނަ ހޯދީ ކްލާރާ ސަރީނާ އާސިފް އެވެ.