ރާއްޖޭގައި ގައިންގަަޔަށް ނާރާ ބަލިތަކުން ރައްޔިތުން ސަލާމަތްކުރުމަށް ސަރުކާރުން ކުރާ އެންމެ މުހިންމު އެއް މަސައްކަތަކަކީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުންކަމަށް, ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ތީރު މީޑިއާއިން ކުރި ސުވާލަކަށް ޖަވާބުދެމުން، ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ވިދާޅުވީ، ސިއްހީ ދާއިރާއިން ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ދެ ކަމެއް އޮތް ކަމަށެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ގައިޑްލައިންތަކަށް ތަބާވުމުގެ އިތުރުން، ރާއްޖެއަކީ އަބަދުވެސް ސިއްހީ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ގައުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އަތޮޅުތަކުގެ ސިއްހީ ނިޒާމު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ގައިންގަޔަށް ނައަރާ ބަލިތައް (ނޮން-ކޮމިއުނިކަބަލް ޑިސީސް) އާ ގުޅޭގޮތުން ވާހަކަދައްކަމުން ތަރުޖަމާނު ވިދާޅުވީ، ދިރިއުޅުމުގެ އާދަތައް ބަދަލުކޮށް އާންމުން ހޭލުންތެރިކުރުވުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައް ކަމަށެވެ. މިކަމަށް މަގުފަހިކުރުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މީގެ ތެރެއިން ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ކޮމިއުނިކޭޝަންއަށް ނުވަތަ ގިނަ ބަޔަކު ހޭލުންތެރިކުރުވުމަށް ކަމަށް އޭނާ ފާހަގަކުރިއެވެ. ދިވެހިންގެ ތެރޭގައި ހުރި ބައެއް އާދަތަކުގެ ސަބަބުން ގައިންގަޔަށް ނައަރާ ބަލިތައް އިތުރުވަމުންދާތީ، އެކަންކަމަށް އާންމުން ސަމާލުކުރުވުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަކީ ކޮމިއުނިޓީއެއްގެ ގޮތުގައި ބަލާއިރު ގައިންގަޔަށް ނައަރާ ބަލިތައް ވަރަށް ގިނަ ގައުމެއްކަން ފާހަގަކުރައްވަމުން، މޫސުމީ ބަލިތަކަށް ވެސް ސަމާލުވުމަށް ތަރުޖަމާނު ވަނީ އެދިލައްވާފައެވެ. އެގޮތުން މިވަގުތު ރާއްޖޭގައި ޑެންގޫ ފަދަ ބަލިތައް އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މޫސުމީ ބަލިތައް އިތުރުވި ކަމުގައި ވިޔަސް، ދިގު މުއްދަތެއްގައި ސިއްހަތަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ގައިންގަޔަށް ނައަރާ ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމަކީ އެންމެ މުހިންމު ކަންތައް ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
