މާލެ އާއި ހުޅުމާލެއިން މިއަދު ކަރަންޓު ކެނޑެން މެދުވެރިވީ ހުޅުމާލޭގެ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވާ ސިސްޓަމް އަޕްގްރޭޑް ކުރުމަށްފަހު ދިމާވި ސޮފްޓްވެއާ މައްސަލައަކުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ރޭ މެންދަމުން ފެށިގެން ކުރިއަށްގެންދިޔަ މި މަސައްކަތަށްފަހު، މިއަދު މެންދުރު މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނުއިރު، އަލުން ހިދުމަތް ދެވިފައިވަނީ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުންނެވެ.
މިކަމާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވީ، ރޭ ކުރި މަސައްކަތަކީ ނެޓްވޯކްގެ ސިސްޓަމް ފޯލްޓް ލެވެލް ދަށްކުރުމަށާއި ކެޕޭސިޓީ އިތުރުކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކަމަށެވެ. އަދި ޕްލޭން ކުރި ގޮތަށް މަސައްކަތް ކުރިއަށްދިޔަ ނަމަވެސް، ޕީއެލްސީ ސޮފްޓްވެއާ އަދި ފާމްވެއާ އަޕްޑޭޓް ކުރުމަށްފަހު ދެނެގަނެވުނު މައްސަލަތަކެއްގެ ސަބަބުން އިންޖީނުގެ ނިވި، މުޅި ގްރިޑް ފެއިލްވީ ކަމަށެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި، މި ސޮފްޓްވެއާ އަޕްޑޭޓް ކުރުމަކީ މުސްތަގުބަލުގައި ނެޓްވޯކަށް ލިބޭނެ ބޮޑު ފަސޭހައެކެވެ. މި މަސައްކަތުގެ ތެރެއިން ސީވޯޓާ ސިސްޓަމްގެ ހަތަރު ވޭލެއް ބަދަލުކުރުމާއި، ހުޅުމާލެ ފޭސް 2 އަދި އެއާޕޯޓުގެ ހައިވޯލްޓޭޖް ސަބްސްޓޭޝަންތަކުގެ ޓްރާންސްފޯމަރުތައް އެނަޖައިޒް ކުރުން ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. ކަރަންޓު ކެނޑުނު ވަގުތަކީ މާލެ ސަރަހައްދުގެ ޑިމާންޑް 100 މެގަވޮޓަށްވުރެ މަތީގައި ހުރި ވަގުތަކަށް ވުމުން ކަރަންޓު ދިނުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށް އެ ކުންފުނިން ބުނެއެވެ. ސިސްޓަމް އަޕްގްރޭޑް ކުރުމުގެ ފުރަތަމަ މަރުހަލާ ނިމިފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ކުރާނެ ތާރީހެއް ކަނޑައެޅުމަށްފަހު އާންމުންނަށް ދުރާލާ އަންގާނެ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
