ފްރާންސްގެ ފުލުހުން އެ ގައުމުގެ ވެރިރަށް ޕެރިހުގައި ކުރި މުޒާހަރާ ހުއްޓުވުމަށް ކަރުނަ ގޭސް ބޭނުންކޮށްފިއެވެ. މި މުޒާހަރާ އަކީ މިހާރު ފްރާންސްގައި ކޮވިޑް-19 އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އެއް މުޒާހަރާއެވެ. 
މައުލޫމާތު ލިބޭގޮތުގައި މުޒާހަރާތައް ފެށުނީ މިދިޔަ ހޯމަ ދުވަހު ފްރާންސްގެ ޞިއްޙީ މަސައްކަތްތެރިން ވެކްސިންޖެހުމަށް މަޖުބޫރުކޮށް އަދި އާއްމުން އެއްވެ އުޅޭ ގިނަ ތަންތަނަށް ވެކްސިން ފުރިހަމަކޮށްފައިވާ ކާޑު ދެއްކުމުން ނޫނީ ނުވަދެވޭ ގޮތަށް ހަމަޖެއްސުމުންނެވެ. އަދި ހޯމަ ދުވަހުގެ މި އިޢުލާނާއެކު، ފްރާންސްގައި ވެކްސިން ޖެހުމަށް މީހުންތައް ތޮއްޖެހި ހަމަނުޖެހުންތައް ވެސް ވަނީ ހިނގާފައެވެ. 
މުޒާހަރާތަކުގައި ޕެރިހުން  2250 މީހުން ހައްޔަރު ކޮށްފައިވާއިރު، މުޅި ގައުމުގެ އެކި ހިސާބުތަކުން 19،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފްރާންސްގެ ފުލުހުން ވަނީ ރިޕޯޓްކޮށްފައެވެ. ގިނަ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ހަމައެކަނި ކޮވިޑް އާއި ގުޅިގެން ކުރެވޭ މުޒާހަރާތަކެއް ނޫނެވެ. އަދި މިކަމުގެ ފަހަތުގައި ވަނީ ފްރާންސްގެ ރައީސް 'އެމަނުއެލް މެކްރޯން' އާއި ދެކޮޅަށް ގިނަ ބަޔަކު ތިބިކަން ހާމަކޮށް ސަރުކާރު ޕްރެޝަރަށް ވައްޓާލުމުގެ މަޤްޞަދެވެ.