ދިވެހި އުފެއްދުންތައް ފަތުރުވެރިންނަށް ފަސޭހަކަމާއެކު ވިއްކޭނެ މަގު ތަނަވަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ "އާފްޓާ އެރައިވަލް" އެޕްލިކޭޝަނަކީ ރާއްޖޭގެ ޑިޖިޓަލް މާކެޓަށް އައި ވަރަށް ފުރިހަމަ އަދި މޮޅު އުފެއްދުމެކެވެ. މި އީޖާދީ އެޕްލިކޭޝަންގެ މޮޅުކަމާއެކު، މި ފަހުން ބޭއްވި ގައުމީ ހެކަތަން "ކޯ.ލެބް 26" ގައި މި އުފެއްދުން ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދައިފައެވެ. މި އެޕްލިކޭޝަން އުފެއްދި މޫސާ ޝިފާޒް (ޝިއްޕެ) އާއި އޭނާގެ ޓީމް މެންބަރު އަދުހަމް އެކުވެގެން އުފައްދާފައިވާ "އަފްޓާ ކޯޑް" ޓީމުން ވަނީ މި ހެކަތަންގައި ތަފާތު އީޖާދީ ހިޔާލެއް ހުށަހަޅައި، ގިނަ ބައެއްގެ ތައުރީފާއެކު މުބާރާތުގެ ރަނަރއަޕް މަގާމު ހޯދާފައެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް ދާއިރާއަށް އާ އުންމީދުތަކެއް ގެނެސްދިން ބޮޑު ކާމިޔާބީއެކެވެ.

މި މުބާރާތުގައި "އަފްޓާ ކޯޑް" ޓީމުން ތައްޔާރުކުރި އެޕްލިކޭޝަނަށް ދީފައިވާ ނަމަކީ "އާފްޓާ އެރައިވަލް" އެވެ. ޝިއްޕެ ބުނި ގޮތުގައި، މިއީ ރާއްޖޭގެ މާކެޓުގައި އުފައްދާ އުފެއްދުންތައް ރާއްޖެ އަންނަ ފަތުރުވެރިންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ފަރުމާކުރި އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ދިވެހި ބާޒާރުގައި އުފައްދާ ތަކެތި ސީދާ ފަތުރުވެރިންނަށް ގަތުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މިއީ ޝިއްޕެގެ އިތުރުން އަދުހަމްގެ ވެސް ވަރަށް ބޮޑު ހިއްސާއެއް އޮވެގެން ފަރުމާކުރި ފުރިހަމަ އުފެއްދުމެކެވެ.

މި އެޕްލިކޭޝަންގެ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ވަރުގަދަ ބިންގަލަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ސުވައިޕް" އޭޕީއައި ބޭނުންކޮށްފައި ވުމެވެ. ޝިއްޕެ ވަނީ ބީއެމްއެލްގެ މި އީޖާދީ ޕްލެޓްފޯމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އޭނާ ފާހަގަކުރި ގޮތުގައި، ސުވައިޕަކީ ސައްތައިން ސައްތަ ދިވެހި އުފެއްދުމަކަށް ވެފައި، ޑިވެލޮޕަރުންނަށް މިފަދަ ފަސޭހަ އަދި ރައްކާތެރި ޕޭމަންޓް ގޭޓްވޭއެއް ފަހިކޮށްދިނުމަކީ ރާއްޖޭގެ ޓެކް އިންޑަސްޓްރީއަށް ބީއެމްއެލްއިން ގެނެސްދިން އިންގިލާބީ ބަދަލެކެވެ. ފަތުރުވެރިންނަށް ފަސޭހައިން ފައިސާ ދެއްކޭނެ މަގު ތަނަވަސްކޮށް، ދިވެހި ޕްރޮޑަކްޓުތައް ވިއްކުމުގައި ސުވައިޕްގެ ދައުރު އިންތިހާއަށް ބޮޑުކަން އޭނާ ފާހަގަކުރިއެވެ.

މި އެޕްލިކޭޝަނަކީ ހަމައެކަނި ވިޔަފާރީގެ ބޭނުމަށް އުފެއްދި އެއްޗެއް ނޫން ކަމަށާއި، މިއީ ގައުމީ ތަސައްވުރަކާ ގުޅިފައިވާ މަސައްކަތެއް ކަމަށް ޝިއްޕެ ފާހަގަކުރިއެވެ. އޭނާ ބުނީ، މި އެޕްލިކޭޝަނަކީ ސަރުކާރުގެ "މޯލްޑިވްސް 2.0" ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާއަށް އެއްބާރުލުންދީ، ރާއްޖޭގެ އުފެއްދުންތެރިންނަށް ބައިނަލްއަގުވާމީ މާކެޓާ ހަމައަށް ވާސިލުވުމަށް އެހީތެރިވެދޭނެ މުހިންމު ފާލަމެއް ކަމަށެވެ. މިއީ ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ އަމާޒަށް ވާސިލުވުމަށް ލިބޭނެ އިތުރު ބާރެކެވެ.

"މޯލްޑިވްސް 2.0" ގެ މުހިންމުކަމަށް އަލިއަޅުވާލަމުން، ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރަށް ޝިއްޕެ ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ޝިއްޕެ ބުނީ، ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ފައްޓަވާފައިވާ މި ގައުމީ މަސައްކަތަކީ ދިވެހި ޑިވެލޮޕަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ރޮނގުން ރާއްޖެ ކުރިއެރުވުމަށާއި އުފެއްދުންތެރި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދެއްވުމަށް ރައީސް ކުރައްވާ މަސައްކަތްތަކަށް އޭނާ ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

މި ހެކަތަންއަކީ ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން ރާއްޖޭގައި އަލަށް ގާއިމުކުރި "މޯލްޑިވްސް އޭއައި ލެބް" އިފްތިތާހުކުރުމުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތަކަށް ވާއިރު، މައިންޑްކޯގެ މި ތާރީހީ އިސްނެގުމަށް ޝިއްޕެ ވަނީ ހައްގު ޝުކުރާއި ތައުރީފު ރައްދުކޮށްފައެވެ. އޭނާ ބުނީ، މައިންޑްކޯއިން ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލު އުޖާލާކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ ތައުރީފު ހައްގު މަސައްކަތްތަކެއް ކަމަށެވެ. ހާއްސަކޮށް، ޓެކްނޮލޮޖީގެ މައިދާނުގައި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ، ގައުމީ ފެންވަރުގެ ޕްލެޓްފޯމްތައް ހޯދައިދިނުމުގައި މިއިންޑްކޯ އިން އަދާކުރާ ދައުރު އޭނާ ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.

ހަމައެއާއެކު، އަލަށް ގާއިމުކުރެވުނު "މޯލްޑިވްސް އޭއައި ލެބް" އަށް ވެސް ޝިއްޕެ ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. މިއީ ރާއްޖޭގެ ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕީޓެންސީ ސެންޓަރުގެ ގޮތުގައި ފެށި މުހިންމު މަސައްކަތެކެވެ. ޝިއްޕެ ބުނި ގޮތުގައި، ދުނިޔެ އާޓިފިޝަލް އިންޓެލިޖެންސްގެ ދުވެލީގައި ކުރިއަށްދާއިރު، ރާއްޖޭގައި މިފަދަ ލެބެއް ހުރުމަކީ ދިވެހި ޑިވެލޮޕަރުންނަށް ދުނިޔޭގެ ފެންވަރުގައި ވާދަކުރުމަށް ހުޅުވިގެންދިޔަ ރަނުގެ ދޮރާއްޓެކެވެ. މި ލެބުގެ ސަބަބުން ރާއްޖޭގެ އަމިއްލަ ޑޭޓާ އާއި އޭއައި ގާބިލުކަން ބިނާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަން އޭނާ ޔަގީންކުރެއެވެ.

ޝިއްޕެމެންގެ ޓީމުން ހޯދި މި ކާމިޔާބީއާ ގުޅިގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވެސް ވަނީ މިއީ އެ ކުންފުންޏަށް ލިބުނު ފަހުރުވެރި ވަގުތުކޮޅެއްކަން ފާހަގަކޮށް މަރުހަބާ ކިޔާފައެވެ. އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ކޯ.ލެބް ހެކަތަން 2026 ގެ ދެވަނަ މަގާމު ހޯދި އެސްޓީއޯގެ ކްލައިންޓް އެންގޭޖްމަންޓް ސްޕެޝަލިސްޓް މޫސާ ޝިފާޒް އަދި އޭނާގެ ޓީމު އަފްޓާ ކޯޑަށް މަރުހަބާ. މި ކާމިޔާބީން ދައްކުވައިދެނީ މުބާރާތުގެ ތެރޭގައި ޓީމުން ދައްކުވައިދިން ޝައުގުވެރިކަމާއި، އުފެއްދުންތެރިކަމާއި އަދި ބުރަ މަސައްކަތް. އެ ޓީމަށް އިތުރު ކާމިޔާބީތަކަށް އެދެން،" ކަމަށެވެ. 

މީގެ އިތުރުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު ވެސް ވަނީ, އާފްޓާކޯޑު ޓީމަށް މަރުހަބާ ކިޔައިފައެވެ. 

މި ބޮޑު ކާމިޔާބީއާ ގުޅިގެން ޝިއްޕެ ވަނީ އޭނާއަށް ހިތްވަރުދިން ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އޭނާ ބުނީ މިފަދަ މަސައްކަތެއް ކުރުމުގައި އޭނާއަށް އަބަދުވެސް އެންމެ ބޮޑު ހިތްވަރެއް ލިބެނީ އޭނާގެ އަނބިމީހާ އާއި މައިންބަފައިންގެ ފަރާތުން ކަމަށެވެ. އަދި މިފަދަ މަސައްކަތަކަށް އޭނާ އިންސްޕަޔާވީ އޭނާގެ ބޭބެ އަހުމަދު ޝިޔާމްގެ ފަރާތުން ކަމަށް ވެސް ޝިއްޕެ ބުންޏެވެ. މީގެ އިތުރުން، އަމިއްލަ ކުރިއެރުމަށް މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނީތީ އެސްޓީއޯގެ މެނޭޖްމަންޓަށާއި މެނޭޖިން ޑިރެކްޓަރަށް ޝިއްޕެ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި އޭނާއަށް މަސައްކަތުގެ މާހައުލުން ދޭ އެއްބާރުލުމާއި ހިތްވަރު ފާހަގަކޮށް، އެސްޓީއޯގައި އޭނާގެ މެނޭޖަރު އަދި ޑިރެކްޓަރު އޮފް ކޮންސްޓްރަކްޝަން އީމާން އާއި ސުޕަވައިޒަރު ޔާމަންއަށް ވެސް ވަނީ ހާއްސަ ޝުކުރެއް ރައްދުކޮށްފައެވެ.

މުސްތަގުބަލުގައި "އާފްޓާ އެރައިވަލް" ޕްރޮޖެކްޓު އަމަލީ ގޮތުން ކާމިޔާބު ކުރުމަށް ވަރަށް ބޮޑު އުންމީދެއް އޮތް ކަމަށް ޝިއްޕެ ބުންޏެވެ. "އަފްޓާ ކޯޑް" ޓީމުގެ މި ކާމިޔާބީއަކީ މުޅި ރާއްޖޭގެ ޒުވާން ޑިވެލޮޕަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އަދި ބީއެމްއެލް ސުވައިޕް ފަދަ ލޯކަލް ޕްލެޓްފޯމްތަކާއި، މޯލްޑިވްސް އޭއައި ލެބް އަދި މައިންޑްކޯ ފަދަ ފަރާތްތަކުގެ އެހީތެރިކަމާއެކު ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލު އޮތީ ވަރަށް އުޖާލާކޮށް ކަމަށް ގިނަ ބަޔަކު މިހާރު ގަބޫލުކުރެއެވެ.

ތީރު މީޑިއާގެ ފަރާތުން, ތީރު މީޑިއާގެ ކޯ ފައުންޑަރު ޝިއްޕެ ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވަމެވެ.