މާލޭގެ މިސްކިތްތަކުގައި ނަމާދު ކުރާ އަޑު ތާޅަފިލިން ކަނޑާލަން އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ މިނިސްޓްރީން އެންގި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ މިސްކިތްތަކުގައި ނަމާދުކުރާ އަޑު ތާޅަފިލިން ކަނޑާލަން އެންގި ކަމަށް ބުނެ ފަތުރަމުން އަންނަނީ މުޅިން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ދީނީ އިލްމުވެރިއެއް ކަމަށްވާ ޝެއިހް އާދަމް ނިޝާން އިއްޔެ ހިއްސާ ކުރެއްވި ވީޑިއޯއެއްގައި، މާލެ ސަރަހައްދުގެ މިސްކިތްތަކުގެ އިމާމުން މިނިސްޓްރީއަށް ގެންގޮސް މިސްކިތްތަކުގައި ނަމާދުކުރާ އަޑު ތާޅަފިލިން ކެނޑުމަށް އެންގި ކަމަށް ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ. ޝެއިހް ނިޝާން ވިދާޅުވީ ފުރުގާން މިސްކިތުގައި މަޣްރިބް އަދި އިޝާ ނަމާދުގެ އަޑު މިސްކިތްތަކުގެ ބޭރަށް ނީވޭ ކަމުގެ ޝަކުވާ އެތައް ބަޔަކު ކޮށްފައިވާ ކަމަށާއި، މުސްލިމް މުޖުތަމައެއްގައި މިސްކިތްތަކުގެ އަޑު ކަނޑުވާލުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.

ދީން ނަގަހައްޓައި ދެމެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވޭތުވެދިޔަ އަހަރު، 74 މިސްކިތާއި ހަތް އިސްލާމީ މަރުކަޒާއި، ތިން ގުރްއާން މަރުކަޒާއި، ހަ ވަގުފު ބިނާއާއެކު، މުޅިއަކު 90 މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެތެރެއިން، ހއ. ދިއްދޫ އިސްލާމިކް ސެންޓަރާއި، 10 ރަށެއްގެ މިސްކިތް ނިންމައި ހުޅުވިއިރު، ރޯދަ މަހު އެކަނިވެސް އަށް މިސްކިތެއް ވަނީ ހުޅުވާފައެވެ.