ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ވަދެ އުޅެނިކޮށް މަރުވި އިޓަލީގެ ޑައިވަރުންގެ ތެރޭގައި ހިމެނޭ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ އަންހެން ދަރިފުޅުގެ ހަށިގަނޑު އިޓަލީއަށް ގެންގޮސްފައިވީ ނަމަވެސް، އެ ހަށިގަނޑުތައް ދެނެގަތުމަށް ދާނެ ހިތްވަރެއް ނެތް ކަމަށް ފިރިމީހާ ކާލޯ ސޮމަކާލް ބުނެފިއެވެ. ސޮމަކާލް ބުނީ އޭނާގެ އަނބިމީހާ އާއި ދަރިފުޅު އަބަދުވެސް ސިފަކުރަނީ އުފާވެރިކަމާއެކު ހިނިތުންވެފައި ތިއްބާ ކަމަށާއި، އެ ނޫން އެހެން މަންޒަރެއް ހިތުގައި ބިންވަޅު ނެގޭކަށް ބޭނުން ނުވާ ކަމަށެވެ.

ޔުނިވަސިޓީ އޮފް ޖެނޯއާގެ މެރިން ބަޔޮލޮޖީގެ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރި މޮނިކާ އާއި ބަޔޯމެޑިކަލް އިންޖިނިއަރިން ކިޔަވައި ނިމިފައިވާ 20 އަހަރުގެ ދަރިފުޅު ޖޯޖިއާ އަކީ ކަނޑުގެ ދުނިޔެއަށް ބޮޑު ލޯތްބެއް އޮތް ދެމައިން ކަމަށް ސޮމަކާލް ސޯޝަލް މީޑިއާގައި ލިޔެފައިވެއެވެ. އޭނާ ވަނީ އެ ދެމައިންނަކީ ކަނޑުގެ ދުނިޔޭގައި ރަނިކަންކުރާ ދެ "މާމެއިޑް" ގެ ގޮތުގައި ސިފަކޮށް، އެމީހުންގެ ވަކިވުމުން ލިބުނު ފުން ހިތާމަ ހިއްސާކޮށްފައެވެ.

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި ޑައިވިންގެ އެންމެ ހިތާމަވެރި މި ހާދިސާގައި ޖުމްލަ ހަތަރު ޓޫރިސްޓުން މަރުވެފައިވެއެވެ. ތަޖުރިބާކާރުންގެ ރިޕޯޓުތަކުން އެނގޭ ގޮތުގައި މި މީހުން ހޮހަޅަ ތެރޭގައި މަރުވީ މަގު އޮޅިގެން ގޮސް ކޮޅު ބެދިފައި އޮތް ތަނަކަށް ވަދެވިގެންނެވެ. އަދި އެ މީހުން ބޭނުންކުރީ އެފަދަ ނުރައްކާތެރި ތަނަކަށް ފީނުމަށް އެކަށީގެންވާ އާލާތްތަކެއް ނޫން ކަމަށާއި، ހޮހަޅައަށް ވަންނައިރު ބޭނުންކުރާ ގައިޑް ރޯޕް ވެސް ގެންގުޅެފައި ނުވާ ކަމަށް ހަށިތައް ނެގުމުގައި ހަރަކާތްތެރިވި ޑައިވަރުން ބުނެފައިވެއެވެ.