ރާއްޖޭގެ ސިޔާސީ މައިދާނަކީ ފިތުނަވެރި މާހައުލެއް ކަމަށާއި، އެފަދަ ކަންކަމުން ތުއްތު ކުދިން ދުރުކުރަންޖެހޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިހުސާން މިގޮތަށް ގޮވާލައްވާފައިވަނީ ސިޔާސީ ކަންކަމުގައި ކުޑަކުދިން ބައިވެރި ނުކުރުމަށް އެންމެހާ ސިޔާސީ ފަރާތްތަކަށް އިލްތިމާސް ކުރައްވަމުންނެވެ.
ވަޒީރު މިފަދައިން އެދިވަޑައިގަތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭނެއްގެ ތެރެއިން ތުއްތު ދެ ކުދިން ކައިރީގައި ބައިތިއްބައިގެން ސިޔާސީ ވާހަކަތަކެއް ދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އެ ވީޑިއޯއަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މައިދާނަކީ މި ދުނިޔޭގައިވެސް ނެތްހާ ފިތުނަވެރި، އަދި އާބާދީ ކުޑަވުމުގެ ސަބަބުން އެހެން އެއްވެސް ގައުމެއްގެ މުޖުތަމައުއަކަށް ނުކުރާހާ ބޮޑެތި ގެއްލުންތައް ކުރުވާ މާހައުލެއް ކަމަށެވެ.
އެހެންކަމުން މިފަދަ ނުރައްކާތެރި މާހައުލެއްގައި ހިންގާ ސިޔާސީ ހަރަކާތްތަކުގައި ތުއްތު ކުދިން ބައިވެރި ނުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އާދަކާދައިގެ ދަށުން ކުޑަކުދިން ބައިވެރިވާ މާހައުލެއްނަމަ، އެތަނެއްގައި ބޭނުންކުރާ ބަސްމަގާއި ދައްކާ ވާހަކަތަކަކީ އެ ކުދިންނަށް ނަފްސާނީ ގޮތުން އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ނުކުރާނެ ފަދަ އޮމާން ވާހަކަތަކަކަށް ވާންޖެހޭނެ ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
