އިއްޔެގެ ވަގުތެއްގައި ބްރެޒިލްގެ ރައީސްގެ ޞިއްޙީ ހާލުކޮޅު ދެރަވެ، އެ ގައުމުގެ ސައޯ ޕައޯލޯގެ ހޮސްޕިޓަލަށް އިތުރު ޓެސްޓްތައް ހެދުމަށް ބަދަލުކޮށްފިއެވެ. ބްރެޒިލް ރައީސްގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ރައީސް ޖެއަރ ބޮލްސޮނާރޯ ވަނީ މިދިޔަ 10 ދުވަހު 'ކްރޮނިކް ހިކަޕް' ނުވަތަ އުނކުޑިކޮއްޓުމާއި ހެދި ފަރުވާ ހޯދަން ފަށާފައެވެ. މި ކަން ފެށުނީ މި ޖުލައި މަހުގެ 3 ވަނަ ދުވަހު ރައީސް ޖެއަރ ކުރެއްވި ދަތުގެ ސަރޖަރީ އަކަށް ފަހު ކަމަށްވެސް ވެއެވެ. 
ސައޯ ޕައޯލޯގެ ހޮސްޕިޓަލް، 'ވިލަ ނޯވާ ސްޓާރ' އިން ހާމަކޮށްފައިވާ ގޮތުގައި ބޮޑަށް ބެލެވެނީ މިއީ ގޮހޮރުގައި ހެދިފައިވާ އިންފެކްޝަންއެއްގެ ސަބަބުން ދިމާވެފައިވާ ކަމެއް ކަމަށެވެ. އަދި  އެ ގައުމުގެ ތަރުޖަމާނު، 'ފަބިއޯ ފާރިއާ' ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް 48 ގަޑިއިރަށް ބްރެޒިލްގެ ރައީސްގެ ޝެޑިއުލްގައި ހުރި ހުރިހާ ކަމެއް ވަނީ ލަސްކޮށްފައެވެ. އަދި އިއްޔެގެ ފަހުގެ ވަގުތެއްގައި ޖެއަރ ވަނީ ގޮހޮރުގެތެރޭ އުފެދިފައި ހުރި ދިޔާތަކެތީގެ ސަބަބުން ނޭވާލުމަށް ދަތިވެ، އައި.ސީ.ޔޫ އަށް ބަދަލުކޮށްފައެވެ. 
ކަންމިހެން އޮތްއިރު، މިއީ ބްރެޒިލްގައި ކޮވިޑް-19 އާއި ގުޅިގެން ދައުލަތާއި ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން ދާ ދަނޑިވަޅެއްވެސް މެއެވެ. އަދި މި ވަބާގައި ގައުމުގެ ޞިއްޙީ ޙާލަތާއި މެދު ބްރެޒިލްގެ ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށް އެގައުމުގެ ސެނެޓުން ވެސް ތަޙުޤީގުތަކެއް ދަނީ ހިންގަމުންނެވެ. ބްރެޒިލްގައި މިހާތަނަށް 535،800 މީހުން މަރުވެފައި ވާއިރު، ބްރެޒިލްގެ ރައީސް ފާހަގަ ވެފައިވަނީ ކުރީގެ އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕް ފަދައިން ކޮވިޑްގެ ނުރައްކާތެރިކަމެއް ނެތްކަމަށް ފާޅުގައި ބުނަމުން ދިޔަ މަދު ލީޑަރުންގެ ތެރޭގައެވެ.
2018 ވަނަ އަހަރުގެ ކެމްޕޭނުގެ ތެރޭގައި ބްރެޒިލްގެ ރައީސްގެ ބަނޑުކޮޅަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައެވެ. އަދި އޭގެ ފަހުން އަބަދުވެސް އޭނާ ދަނީ ގޮހޮރަށް އެކި އުނދަގޫތައް ދިމާވެ ކުދި އޮޕަރޭޝަންތައް ކުރަމުންނެވެ.