ކުރިއަށް އޮތް ބޮޑު އީދު ދުވަހުގެ ހެނދުނު 7:00 ގައި މާލެ ސަރަހައްދުގެ ހަތަރު މައިދާނެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ އީދު ނަމާދުގެ ބޮޑު ޖަމާއަތްތަކުގައި އިމާމުވެ ނަމާދުކުރައްވާނެ ބޭފުޅުންނާއި ނަމާދު ކުރާނެ ތަންތަން އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން އާންމުކޮށްފިއެވެ.
އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މާލޭގެ މާފަންނު ސްޓޭޑިއަމްގައި އޮންނަ ބޮޑު ޖަމާއަތުގައި އިމާމުވެ ނަމާދުކުރައްވާނީ އައްޝައިޚް އަބްދުالله ސައުދާނެވެ. ވިލިމާލޭގެ ފުޓުބޯޅަ ދަނޑުގައި އަލްޤާރީ އަހްމަދު ރިޔާޟް ނަމާދުކުރައްވާއިރު، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ސިންތެޓިކް ޓްރެކްގައި ނަމާދުކުރައްވާނީ އައްޝައިޚް ނަސްރުﷲ އަލީއެވެ. މީގެ އިތުރުން، ހުޅުމާލެ ފޭސް 2 ގެ ކުޅިވަރު އެކުވެނީގައި އޮންނަ ޖަމާއަތުގެ ހަތީބަކީ ޒުވާން އިމާމު އަލްހާފިޡް މުހައްމަދު ހަނޫން ހުސައިންނެވެ.
ބޮޑު ޖަމާއަތުގެ އިތުރުން، މާލޭގެ ބޮޑު ދެ މިސްކިތެއްގައިވެސް އީދު ނަމާދުގެ ޖަމާއަތް އޮންނާނެއެވެ. އެގޮތުން، އިސްލާމީ މަރުކަޒުގައި އީދު ނަމާދުކުރައްވާނީ އިސް އިމާމު އައްޝައިޚް މުހައްމަދު ލަތީފެވެ. އަދި މަސްޖިދުލްމަލިކި ސަލްމާންގެ ހަތީބަކީ އައްޝައިޚް އިބްރާހީމް ރަޝީދު ހަސަނެވެ.
މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ހުސް މައިދާންތަކުގައި ނަމާދުކުރެވޭގޮތް ނުވެއްޖެ ހާލަތެއްގައި، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ވެސް އީދު ނަމާދުކުރުން ކުރިއަށްދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން މައުލޫމާތުދެއެވެ. މި އަހަރުގެ ބޮޑު އީދު ދުވަހަކީ ހިނގަމުންމިދާ މަހުގެ 27 ވަނަ ދުވަހެވެ.
