ކުރިއަށް އޮތް ފަސް ދުވަހު، ހާއްސަކޮށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ. އީދު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ކަނޑުމަގުންނާއި ވައިގެމަގުން ދަތުރުކުރަމުންދާތީ، ދަތުރުފަތުރު ކުރުމުގައި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ވަރަށް ގޯސް ވާނެ ކަމަށެވެ. އެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި ހަފުތާގެ ބާކީ އޮތް ދުވަސްތަކުގައި އެ ސަރަހައްދަށް ގަދަވަޔާއެކު ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ވަނީ އުތުރާއި މެދުރާއްޖެތެރޭގެ އެކި ސަރަހައްދުތަކަށް ވައިޓް އެލާޓް ވެސް ނެރެފައެވެ.

އެ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ. އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވި ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅު ވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.