އެމްޕީއެލްގެ ޕޯޓްފޯލިއޯގައި މިހަފްތާ ފީޗަރކޮށްފައި މިވަނީ މުޙައްމަދު މުއާޒު (ކަންމަ) އެވެ. މުއާޒަކީ ކުންފުނީގެ ސެކިއުރިޓީ މަސައްކަތްތަކުގައި މުހިއްމު ޒިންމާތަކަކާ ހަވާލުވެ ހުރި މުވައްޒަފެކެވެ. މަސައްކަތުގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިފައިވާ މުއާޒަކީ އަބަދުވެސް އެލާޓުގައި، ތައްޔާރީ ހާލަތުގައި ހުންނަ މުވައްޒަފެކެވެ.
އެމްޕީއެލްއާ ގުޅުނީ ކޮން އިރަކު؟
އަޅުގަނޑު، އެމްޕީއެލްއާ ގުޅުނީ ސެޕްޓެމްބަރު 4، 2026ގައި ސެކިއުރިޓީ ގާޑެއްގެ ވަޒީފާއަށް.
އަޅުގަނޑު މިހާރު މިހުރީ އިންޓަރގްރޭޓް ސެކިއުރިޓީ އެންޑް ސޭފްޓީ ޑިވިޝަންގެ ދަށުން ހިންގަމުން ގެންދާ، ސެކިއުރިޓީ ސަރވިސް ޑިޕާޓްމަންޓްގައި ލީޑް ސެކިއުރިޓީ އިންސްޕެކްޓަރެއްގެ މަގާމުގައި، ކޮމަޝާލް ހާބަރުގެ އޮޕަރޭޝަން ޔުނިޓުގެ ހެޑަކަށް. މީގެއިތުރުން އަޅުގަނޑަކީ އެމްޕީއެލްގެ ރެކްރިއޭޝަން ކްލަބުގެ ހަޒާންދާރު.

ވަޒީފާއާ ގުޅޭގޮތުން ލިބުނު ތަމްރީންތަކަކީ ކޮބާ؟
އެމްއެންޑީއެފް އިން ކުރިއަށް ގެންދިޔަ ޕޯޓް ސެކިއުރިޓީ ޕްރޮގްރާމް އެކެއް، ފުލުހުން ކުރިއަށް ގެންދިޔަ ރިސްކް މެނޭޖުމަންޓް ޕްރޮގްރާމު ތިނެއް އަޅުގަނޑު ފުރިހަމަކުރިން. އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން ކުރިއަށް ގެންދިޔަ ޕީއެފްއެސްއޯ ސެޓްފިކެޓް ޕްރޮގްރާމުވެސް ނިންމިން. މީގެއިތުރުން އައިއެލްއޯ އިން ކުރިއަށް ގެންދާ އިންހައުސް ސެކިއުރިޓީ ޕްރޮގްރާމުތަކުގެ އެކި ލެވަލްތައްވެސް ފުރިހަމަކުރިން.
މަގާމުގެ ގޮތުން ކުރަންޖެހޭ މައިގަނޑު މަސައްކަތަކީ ކޮބާ؟
އަޅުގަނޑުގެ މައިގަނޑު ޒިންމާއަކީ ޑިޕާޓްމަންޓްގައި އޯވަރޯލްކޮށް ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުމާއި، ޔުނިޓް ހެޑެއްގެ ގޮތުގައި މުވައްޒަފުންނަށް ދޭންޖެހޭ އިރުޝާދު ދިނުމާއި، އަޅުގަނޑުގެ މައްޗަށް ތިއްބަވާ ވެރިންނަށް މަސައްކަތުގެ ދާއިރާއިން ޖަވާބުދާރީވުން. އަދި އެސްއޯޕީތަކާއި ގަވައިދުތައް ހެދުމުގައިވެސް އަޅުގަނޑު ބައިވެރިވަން.

ވަޒީފާގައި 10 އަހަރު ވާންދާއިރު ކުންފުންޏަށް އައި ބަދަލުތަކަކީ ކޮބާ؟
ސެކިއުރިޓީއާ ގުޅޭ އޮޕަރޭޝަން އަދި އެޑްމިން މަސައްކަތްތަކަށް އެކަނި ބެލި ނަމަވެސް ކުރިން އަޅުގަނޑުމެން ގާތްގަނޑަކަށް ހުރިހާ ކަމެއްހެން ކުރީ މެނުއަލްކޮށް. އެކަމަކު މިހާރު އެ ހުރިހާ ކަމެއްވެސް ކުރަނީ އޮޓަމޭޓްކޮށް އަދި ޑިޖިޓަލްކޮށް. މިއީ މަސައްކަތުގައި ފާހަގަކުރެވޭ ބޮޑު ބަދަލެއް. މިބަދަލާއެކު މަސައްކަތްތައް ފަސޭހަވެފައި އަވަސްވެފައި އިތުބާރު ބޮޑުވެއްޖެ.

މާލެ ވިޔަފާރި ބަނދަރަކީ މައި ގޭޓަކަށްވާއިރު ސަލާމަތީ ކަންކަމުގައި ރިސްކް އޮތީ ކިހާ ވަރަކަށް؟
މާލެ ވިޔަފާރި ބަނދަރަކީ ރާއްޖެއަށް ކަނޑުމަގުން އަންނަ ހުރިހާ މުދަލެއް ވަދެނުކިމެ ހަދާ މައި ދޮރު. އެހެންވީމާ މިތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ޕްރޮފެޝަނަލްކޮށް ކުރަންޖެހޭ ސީރިއަސް މަސައްކަތެއް. ޕޯޓުގެ ސެކިއުރިޓީގައި އަޅުގަނޑުމެންނަށް ކުޑަވެސް އިހްމާލެއް ނުވެވޭނެ. ހަޤީގަތަށް ބުނާނަމަ މިއީ ރިސްކް ބޮޑު ޖޮބެއް. ވަރަށް ބޮޑަށް ކޮމިއުނިކޭޓް ކޮށްގެން ކުރަންޖެހޭ މަސައްކަތެއް. އަޅުގަނޑު ޔުނިޓް ހެޑަކަށް ހުންނާތީ އަބަދުހެން ހުންނަނީ އެލާޓްގައި.
އެމްޕީއެލް މިއީ ކުރިއަށްދާން ރަނގަޅު ކުންފުންޏެއްތަ؟
ވަޒީފާއެއްގައި ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އެމްޕީއެލްއަކީ އެންމެ ރަނގަޅު އެއް ކުންފުނި. މިތަނަކީ ވަރަށް ގިނަ ދާއިރާތަކުން މަސައްކަތްތައް ހުރި ކުންފުންޏަކަށްވާތީ ޒުވާނުންނަށް މިފަދަ ކުންފުންޏެއްގައި ވަރަށް ބޮޑަށް ކުރިއަށް ދެވޭނެ. އެމްޕީއެލް އިހްތިޔާރު ކުރަން އަޅުގަނޑު ޒުވާނުންނަށް އިލްތިމާސްކުރަން.
