އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިޓަލީގެ ޒުވާން ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ، ޕީއެސްޖީ އަށް ސޮއިކޮށްފިއެވެ.

އުމުރުން 22 އަހަރުގެ ޑޮންނަރުއްމާ، ޕީއެސްޖީ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އޭނާ ކުރީން ކުޅުނު އޭސީ މިލާނުން ބަދަލުވީ ބޮޑު މުސާރައެއް ހޯދުމުގެ އިތުރުން އެހެން ޗެލެންޖެއް ނެގުމުގެ ގޮތުންނެވެ.

ނަޕޯލީގެ ޔޫތު ޓީމުން ފާހަގަވި ޑޮންނަރުއްމާ އަށް ދުނިޔޭގެ ބޮޑެތި ކްލަބުތަކުން ފާރަލާން ފެށީ 2013 ވަނަ އަހަރުން ފެށިގެން މިލާންގެ ޒުވާން ޓީމުތަކުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން މިލާންގެ ސީނިއާ ޓީމަށް 251 މެޗު ކުޅެދީފައެވެ. އެ ޓީމާއެކު 2016/2017 ވަނަ އަހަރުގެ ސީޒަނުގެ އިޓާލިއަން ސުޕަ ކަޕް ހޯދިއިރު، ޑޮންނަރުއްމާގެ ވިދުން އެންމެ ގަދަވީ ނިމިދިޔަ ޔޫރޯގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން އިޓަލީ އަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ.

އިޓަލީގެ އެކި އުމުރު ފުރާގެ ގައުމީ ޓީމުތަކަށް ގަވާއިދުން ކުޅެމުންއައި ޑޮންނަރުއްމާ އަށް ސީނިއާ ޓީމުން އެންމެ ފުރަތަމަ ޖާގަ ލިބުނީ 2016 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި ފްރާންސާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުންނެވެ. އެ މެޗުގެ ދެވަނަ ހާފުގައި ކުޅެން ނިކުތްއިރު ޑޮންނަރުއްމާގެ އުމުރަކީ 17 އަހަރެވެ. އޭނާ އަށް އިޓަލީ ޓީމުގެ އެއްވަނަ ގޯލްކީޕަރު މަގާމު ކަށަވަރުވީ 2018 ވަނަ އަހަރު ރޮބާޓޯ މަންޗިނީ ކޯޗުކަމާ ހަވާލުވި ހިސާބުންނެވެ. އޭގެފަހުން، މިހާތަނަށްއައިއިރު ޑޮންނަރުއްމާ ވަނީ އިޓަލީ ޓީމަށް 33 މެޗުން ކުޅެފައެވެ.

ޑޮންނަރުއްމާގެ އިތުރުން ޕީއެސްޖީ އަށް ކުރިއަށް އޮތް ސީޒަނަށް ގެނައި ކުޅުންތެރިންނަކީ ސްޕެއިނާއި ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި އެންމެ ފަހުގެ ޔޫރޯގައި ނެދަލެންޑްސްގެ ކެޕްޓަންކުރި ޖޯޖީނިއޯ ވައިނަލްޑަމް އަދި މޮރޮކޯގެ އިތުބާރު ފުލްބެކް އަޝްރަފް ހަކީމީ އެވެ. ރާމޯސް އާއި ވައިނަލްޑަމް ހިލޭ ޓްރާންސްފާގައި އެ ޓީމާ ގުޅުނުއިރު، ހަކީމީ ގެނައީ އިންޓަ މިލާނަށް 60 މިލިއަން ޔޫރޯ ދެއްކުމަށްފަހު އެވެ.