ހައްޖު ދުވަހާއި އަޟްހާ އީދު ދުވަހާ ގުޅިގެން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން އެ ކުންފުނިން ނިންމައިފިއެވެ. އެމްޕީއެލް އިން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، 1447 ވަނަ އަހަރުގެ ހައްޖު ދުވަހާއި އަޟްހާ އީދު ދުވަހުގެ މުނާސަބަތުގައި، މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓާމިނަލުން ދެމުންގެންދާ އޮޕަރޭޝަން ހިދުމަތްތައް މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ބަދަލާއެކު، މާދަމާ މެއި 26 ވަނަ ދުވަހުން ފެށިގެން މެއި 27 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިދުމަތްތައް މެދުކަނޑާލާނެއެވެ. މި މުއްދަތަށްފަހު، އެމްޕީއެލްގެ ހިދުމަތްތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ މެއި 28 ވަނަ ދުވަސް، ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 07:30 ގައެވެ.

އެމްޕީއެލް އަކީ ރާއްޖެއަށް އެތެރެކުރާ މުދާ ކްލިއަރ ކުރުމުގެ މައިގަނޑު މަސައްކަތް ކުރާ ކުންފުންޏަށް ވުމާއެކު، އީދު ބަންދާ ދިމާކޮށް ހިދުމަތްތަކަށް އަންނަ މި ބަދަލަށް ސަމާލުވުމަށް ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ. މި މުނާސަބަތުގައި ކުންފުނީގެ ހުރިހާ މުވައްޒަފުންނަށާއި ހިދުމަތް ހޯއްދަވާ އެންމެހާ ފަރާތްތަކަށް އެމްޕީއެލް އިން ވަނީ އީދުގެ ތަހުނިޔާ އަރިސްކޮށްފައެވެ.