އީދު އުފާ ފާޅުކުރުމުގައި ދިވެހިންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވެ، އިސްލާމީ ރިވެތި އުސޫލުތައް ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސް މިކަމަށް އެދިވަޑައިގެންނެވީ ބަރަކާތްތެރި އަޟްޙާ އީދުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިތާބުގައެވެ.
ރައީސްގެ ޚިތާބުގައި ވިދާޅުވީ، އަޟްޙާ އީދަކީ މާތްﷲ ގިނަގުނަ އިބްރަތްތަކަކާއި ޙިކުމަތްތަކެއް ލައްވާފައިވާ، މުޅި މުސްލިމް އުންމަތް އެއް ސަފަކަށް ތަރުތީބުކޮށްދޭ އޯގާތެރިކަމުގެ މިސާލެއް ކަމަށެވެ. އަދި އީދުގެ ޙަގީގީ ޖައުހަރަކީ ތަޤުވާވެރިކަމުން ނަފުސް ޒީނަތްތެރިކޮށް، ދީނާއި ޙައްޤުގެ މަގު އިސްކުރުމުގެ އަޒުމް އާކުރުންކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މުޖުތަމަޢުގެ ނިކަމެތިންނާއި އެކަނިވެރިންގެ ހިނިތުންވުމަކީ ތިމާގެވެސް އުފާކަމުގައި ދުށުމަށް މި އީދުން ދަސްކޮށްދޭ ކަމަށާއި، މިއީ ޒުވާން ޖީލަށް ރިވެތި އަޚުލާޤީ ސިފަތައް ދަސްކޮށްދިނުމަށް ލިބޭ ފުރުސަތެއްކަމަށް ވިދާޅުވިއެވެ.
"އެހެންކަމުން، އީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާފާޅު ކުރައްވަމުން ގެންދަވާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވެވަޑައިގަތުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ،" ރައީސްގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ.
އަދި އުޟްހިޔާ ކަތިލުމާއި، ހަދިޔާ ބަދަލުކުރުމާއި، ތަނަވަސްކަން ހުރި މީހުން ނިކަމެތިންނަށް އެހީތެރިވުމަކީ މުޖުތަމަޢުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ، ބަދަހި ބައެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ލިބޭ ހިތްވަރެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، މިއީ މަޢާފުކުރުމުން ހިތްތަކަށް ދިރުން ގެނެސްދީ، އާއިލާއާއި ގާތްތިމާގެ މީހުންނާއެކު ލޯބި އާލާކުރުމަށް އޮތް އެންމެ ފަހި އެއް މޫސުންކަމުގައިވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
