ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ހިމަބިހީގެ ކޭސްތަކެއް އަލުން ފެންނަން ފަށާފައިވާއިރު، މިހާރު ތަހުގީގުކުރަމުންދާ ކޭސްތަކާ ގުޅިގެން 128 މީހަކު މޮނީޓާކުރަން ފަށައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، އިތުރު ދެ މީހަކަށް ހިމަބިހި ޖެހި، މި އަހަރުގެ މިހާތަނަށް ރާއްޖެއިން ފެނުނު ހިމަބިހީގެ ކޭސްތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 9 އަކަށް އަރާފައެވެ. އޭގެ ތެރެއިން 6 ކޭސް ފެނިފައިވަނީ މި މަހުގެ ތެރޭގައެވެ.
މިވަގުތު އެޗްޕީއޭއިން ދަނީ 5 ކޭހެއް އިތުރަށް ތަހުގީގުކުރަމުންނެވެ. އަދި މި 5 ކޭހާ ގުޅުންހުރި ކަމަށް ފާހަގަކުރެވުނު 128 ކޮންޓެކްޓުން އެ އެޖެންސީން އަންނަނީ މޮނީޓާކުރަމުންނެވެ.
އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސްވަރު ހިމަބިހި ފެތުރެމުންދާތީ، އާންމުން މިކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ދީފައިވާ މައިގަނޑު އިރުޝާދުތަކަކީ:
* އަލާމާތްތައް ފެނުން: ހުން އައުމާއެކު ރަތް ބިހިތަކެއް ނަގަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން.
* އެކަހެރިވުން: ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ، ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެގެން ހުރުން.
* މީހުންގެ ތެރެއަށް ނުނިކުތުން: ބަލީގެ އަލާމާތްތައް ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން.
މި މަހުގެ ކުރީކޮޅުން ފެށިގެން މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތައް ފެންނަމުންދާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައި، މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިފައިވާ މިންވަރު ބަލަމުންނެވެ.
