ކޮންމެ އިންސާނެއްގެ ދިރިއުޅުމަކީވެސް ތަފާތު އިބްރަތްތަކުން ފުރިގެންވާ ދަތުރެކެވެ. ބައެއް ފަހަރު ދިރިއުޅުމުގެ އޮއިވަރު ހުންނަގޮތުން ނުބައި މަގަކުން ދެވުނުކަމުގައި ވިޔަސް، ހިތުގައި އީމާންކަމުގެ ނޫރު އޮތް ނަމަ، ތައުބާގެ މަގު އަބަދުވެސް އޮންނަނީ ހުޅުވިފައެވެ. މިގޮތުން މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަ ނަމޫނާ އެއް ޝަޚްޞިއްޔަތަކީ ހައްދުންމަތީ ކުނަހަންދޫއަށް އުފަން ޙުސައިން އަސީލް އެވެ. އޭނާގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލަކީ ގިނަ ބަޔަކަށް އުންމީދު އާކޮށްދޭ ފަދަ ވާހަކައެކެވެ.
އަސީލަކީ ތަޢުލީމީ ގޮތުންނާއި ޢަމަލީ ގޮތުން އަސީލް ކަޑައްތުކުރެއްވި ދިގު ދަތުރަކީ މިއަދު ގިނަ ބައެއްގެ އިޙްތިރާމް އޭނާއަށް ލިބިފައިވާ މައިގަނޑު ސަބަބެވެ. އަސީލަކީ ދީނީ ދާއިރާއިން ކުރިއަށް ދިއުމަށް އާދަޔާޚިލާފު ޝައުޤުވެރިކަމެއް ބަހައްޓަވާ، މިހާރު ރަށުގެ ދީނީ ކަންކަމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ އެއް ބޭފުޅާއެވެ. އިމާމުވެ ނަމާދުކުރުމަކީ އަސީލްގެ ކުޑަކުދަ އިރުއްސުރެ ދެކެމުން އައި ފޮނި ހުވަފެނެކެވެ. އިމާމުކަމުގެ މަތިވެރިކަމާއި އެކަމުގައި ހުރި ޘަވާބާއި ދަރުމަ އެނގުނު ހިސާބުން، އެ މަސައްކަތަށް ހިތުގައި އުފެދުނު ލޯބި އިތުރުވެ، ސްކޫލް ދައުރުގައިވެސް އެންމެ ބޭނުންވީ ޅަޢުމުރުގައި ބަންގިގޮވައި އިމާމުވެ ނަމާދުކުރާ މީހަކަށް ވުމަށެވެ. އެގޮތުން ގަދައަޅައި ކުރި މަސައްކަތުން، އުމުރުން އެންމެ 18 އަހަރުގައި އަސީލް ވަނީ އެންމެ ފުރަތަމަ ފަހަރަށް ބަންގިގޮވައި އިމާމުވެ ނަމާދުކުރަން ފަށާފައެވެ.

ތަޢުލީމީ ބިންގާ އެޅުން
އަސީލްގެ މި ދީނީ ދަތުރުގެ ބިންގާ އެޅުނީ 2014 ވަނަ އަހަރު އަމިއްލަ ރަށުންނެވެ. އެ އަހަރު އޭނާ ވަނީ ޤާރީ ކޯސް ސެޓިފިކެޓް ލެވެލް 1 ފުރިހަމަކޮށްފައެވެ. ނަމަވެސް އެ ހިސާބުން ހުއްޓާނުލައި، އިތުރަށް ކިޔެވުމުގެ އަޒުމުގައި ހަމަ އެ އަހަރު މާލެއަށް ބަދަލުވިއެވެ. މާލޭގައި ދިރިއުޅުނު ދުވަސްވަރު، އަމިއްލަ މީހެއްގެ ވަޒީފާ އަދާކުރަމުން، ވަޒީފާގެ ބުރަކަމާއެކުވެސް ލެވެލް 2 ގެ ކިޔެވުން ކުރިއަށް ގެންގޮސް ކާމިޔާބުކަމާއެކު ނިންމާލިއެވެ.
ވަޒީފާގެ މައިދާނަށް ނުކުތުން
ދީނީ ދާއިރާގެ ތަޢުލީމު އިތުރަށް ފުޅާކުރަމުން ގޮސް، 2018 ވަނަ އަހަރު އަސީލް ވަނީ އިމާމް ސެޓިފިކެޓް ލެވެލް 3 ޙާޞިލްކޮށްފައެވެ. މި ކާމިޔާބީއާއެކު، ހަމަ އެ އަހަރު އޭނާގެ އަމިއްލަ ރަށުގެ މިސްކިތުގެ ދާއިމީ އިމާމެއްގެ ވަޒީފާ ލިބުމުން ރަށަށް ބަދަލުވިއެވެ.
2019 ވަނަ އަހަރަކީ އަސީލްގެ ޚިދުމަތުގެ ދާއިރާ އިތުރަށް ފުޅާވެގެންދިޔަ އަހަރެކެވެ. އެ އަހަރު ހުކުރު ކުރުމާއި، ޢީދު ނަމާދާއި ކޭތަ ނަމާދު ކުރުމުގެ ރަސްމީ ހުއްދަ ހޯދައި، ދާއިމީކޮށް އެ ނަމާދުތައް އިމާމުވެ ކުރަން ފެށިއެވެ. މީގެ އިތުރުން ރަށުގެ ކުޑަކުދިންނަށް ޤުރްއާން ކިޔަވައިދިނުމުގެ މަތިވެރި މަސައްކަތްވެސް އޭނާ ފެށިއެވެ.
މަތީ ތަޢުލީމާއި ޝަރަފުވެރި ކާމިޔާބީތައް
ވަޒީފާގައި ހުރެމުންވެސް ތަޢުލީމީ ފެންވަރު މަތިކުރުމަށް އަސީލް ކުރި މަސައްކަތް ފާހަގަކޮށްލެވެއެވެ. އެގޮތުން އޮންލައިންކޮށް އިމާމް ކޯހުގައި ބައިވެރިވެ، 2022 ވަނަ އަހަރު އެޑްވާންސް ފެންވަރަށް ކިޔެވުން ފުރިހަމަކުރިއެވެ. އޭގެ ފަހުން 2024 ވަނަ އަހަރު އިމާމް ކޯހުގެ ޑިޕްލޮމާ ފުރިހަމަކޮށް، 2025 ވަނަ އަހަރު ވަނީ އިމާމް ކޯހުން ޑިގްރީ ޙާޞިލްކޮށް ގްރެޖުއޭޓްވެފައެވެ. އަސީލްގެ ތަޢުލީމީ ކާމިޔާބީ ފާހަގަކޮށް، ޔުނިވަރސިޓީގެ "އޮނަލިސްޓް އެވޯޑު" (Honors List) ވެސް އޭނާއަށް ލިބިފައިވެއެވެ.
ބޭނުންވަނީ މިރޮނގުން ދެވެން އޮތް އެންމެ ކުރިޔަކަށް ދާން. މަސައްކަތްވެސް މިކުރަނީ ހަމަ އެ ޢަޒުމުގަ. އަދި ރާއްޖެއިން ބޭރަށް ގޮސްގެންވެސް ދީނީ ރޮނގުން ކުރިޔަށް ދާނެ ފަހި ފުރުޞަތުތަކެއް ލިބުމަކީ ދެކޭ ވަރަށް ބޮޑު ހުވަފެނެއް. އަސީލް ބުންޏެވެ.

މުޖުތަމަޢަށް ކުރާ ޚިދުމަތްތައް
އަސީލްގެ ޚިދުމަތްތައް މިސްކިތުގެ އިމާމުކަމަށްވުރެ މާ ފުޅަލެވެ. އޭނާގެ ބައެއް މުހިންމު ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:
ޝަރުޢީ މައުޛޫނުކަން: 2025 ވަނަ އަހަރު ކައިވެނިކޮށްދިނުމުގެ ހުއްދަ ނަގައި، ޝަރުޢީ މައުޛޫނެއްގެ ގޮތުގައި މަސައްކަތްކުރަން ފެށުން.
ޖަނާޒާގެ ކަންކަން: 2018 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް، ރަށުގައި މީހަކު މަރުވެއްޖެނަމަ ޖަނާޒާގެ ކަންކަމުގައި އެންމެ އިސްކޮށް އުޅޭ އެކަކީ އަސީލެވެ.
މުބާރާތްތަކުގެ ފަނޑިޔާރުކަން: ރަށުގައި ބޭއްވޭ ޤުރްއާން މުބާރާތްތަކާއި މަދަހަ މުބާރާތްތަކުގައި 2018 އިން ފެށިގެން އިސް ފަނޑިޔާރެއްގެ ދައުރު އަދާކުރުން.
މިނިސްޓްރީގެ ޕްރޮގްރާމްތައް: އިސްލާމިކް މިނިސްޓްރީން ހިންގާ ތަފާތު ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވެ ސެޓިފިކެޓްތައް ހޯދުނ.
ޖީލު ބިނާކުރުން: ރަށުގެ ކުޑަކުދިންނަށް ބަންގި ގޮވަން ދަސްކޮށްދީ، އެ ކުދިން ލައްވައި މިސްކިތުގައި ބަންގި ގޮއްވައި، އަންނަން އޮތް ޖީލަށް މި މަސައްކަތް ދަސްކޮށްދިނުން

ދީނީ މަގަށް އެނބުރުން
އަސީލްގެ އެންމެ ބޮޑު އުންމީދަކީ ނަމާދުކުރާ، ދީނަށް ލޯބިކުރާ މީހަކަށް ވުމެވެ. މި މަތިވެރި މަޤްޞަދު ހާސިލުކުރުމަށްޓަކައި އޭނާ ވަނީ ނުހަނު ގަދައަޅައި މަސައްކަތް ކޮށްފައެވެ. މިގޮތުން ދީނީ ޢިލްމު އުގެނުމާއި، ނަމާދުގެ ކަންކަމަށް ދިން ސަމާލުކަމުގެ ނަތީޖާއެއްގެ ގޮތުން، އުމުރުން އެންމެ 18 އަހަރުގައި ފުރަތަމަ ފަހަރަށް މިސްކިތުގައި ބަންގިގޮވައި، އިމާމުވެ ނަމާދުކުރުމުގެ ފުރުޞަތު އޭނާއަށް ލިބުނެވެ. މިއީ އޭނާގެ ދިރިއުޅުމުގައި އައި އެންމެ ބޮޑު އަދި އެންމެ އުފާވެރި ބަދަލެވެ.
އިމާމުވެ ނަމާދު ކުރުމަކީ އަބަދުވެސް އަޅުގަނޑުގެ ހުވަފެނެއް. އެކަމުގެ ހުރި މަތިވެރި ޘަވާބު އެނގުމަށް ފަހު އެކަމަށް ހިތުގައި އިތުރަށް ލޯބި ޖެހުނު. ސުކޫލުގައި އުޅުނު އިރުވެސް އެންމެ ބޭނުންވީ ޅަ އުމުރުގައި ބަންގި ގޮވާ އިމާމުވެ ނަމާދުކުރާ މީހަކަށް ވާން. އަސީލް ބުންޏެވެ.
މަސައްކަތާއި މުނިފޫހިފިލުވުން
ދިރިއުޅުމުގެ ބޭނުންތަކަށްޓަކައި އަސީލް މިހާރު ކުރަމުންދާ މައިގަނޑު މަސައްކަތަކީ ފައިބަރ މަސައްކަތެވެ. މީގެ އިތުރުން އޭނާގެ ހުސްވަގުތުތައް ހޭދަކުރަނީ މަސްވެރިކަމުގައެވެ. ޚާއްޞަކޮށް 'ސްޕޯޓްސް ފިޝިންގ' އަކީ އޭނާ ނުހަނު ކުރާހިތުން ކުރާ ކަމެކެވެ. މާޒީގައި އަސީލަކީ މިއުޒިކް ކުޅުމަށް ޝައުޤުވެރިކަން ހުރި މީހެއް ނަމަވެސް، މިއުޒިކަކީ ދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެއްކަން އެނގުނު ހިސާބުން، އޭނާ ވަނީ އެކަން އެއްކޮށް ހުއްޓާލާފައެވެ. އޭގެ ބަދަލުގައި ހިތްހަމަޖައްސާލުމަށް އޭނާ އިޚްތިޔާރު ކުރީ މަސްވެރިކަން ކަމުގައި ވީނަމަވެސް، މިއަދު މަސްވެރިކަމަކީ އޭނާގެ ދިރިއުޅުމާ ނުހަނު ބޮޑަށް ގުޅިފައިވާ ކަމެކެވެ.
މިއުޒިކް ކުޅުމަކީ ވަރަށް ކުރާހިތުން ކުރި ކަމެއް. ކުރީގައި އަބަދުވެސް އުޅުނީ މިއުޒިކު ކުޅެން. އެކަމަކު އެއީ ދީނުގައި ޙަރާމްކަމެއްކަން އެނގުނު ހިސާބުން އެކަން އެއްކޮށް ދޫކޮށްލާފައި ހުސްވަގުތު ތަކުގައި ހިތްހަމަ ޖައްސާލަން ކުރާ ކަމަކަށް ހެދީ މަސްވެރިކަން. އެއީ މިހާރު ދިރިއުޅުމާ ގުޅިފައިވާ ކަމެއް. އަސީލް ބުނެފައިވެއެވެ.

އުންމީދުތަކާއި ހުވަފެންތައް
އަސީލްގެ މުސްތަޤްބަލާ މެދު ކުރާ އުންމީދުތައް ވަރަށް ފޮުންވެފައި މަތިވެރިއެވެ. އޭނާ ބޭނުންވަނީ ދީނީ ދާއިރާއިން ލިބެން އޮތް އެންމެ މަތީ ކުރިއެރުމެއް ހޯދުމަށެވެ. މިގޮތުން ރާއްޖެއިން ބޭރަށް ގޮސްގެންވެސް ދީނީ އިލްމު އުގެނި، އިތުރަށް ކުރިއަށް ދިއުމަކީ އޭނާ ދެކޭ ވަރަށް ބޮޑު ހުވަފެނެކެވެ. އަދި އަމިއްލަ ރަށުގައި ޤުރްއާނާއި ދީނީ ކަންކަމަށް މޮޅެތި، ދީނަށް ލޯބިކުރާ ޖީލެއް ބިނާކުރުމަކީ އަސީލް އެންމެ ކުރަން ބޭނުންވާ އެއް ކަންތަކެވެ.
އަޅުގަނޑު ބޭނުންވަނީ ދީނީ ދާއިރާއިން ލިބެން އޮތް އެންމެ މަތީ ކުރިއެރުމެއް ހޯދުން. އަސީލް ބުންޏެވެ.
ކާމިޔާބީގެ ފަހަތުގައިވާ ހަގީގީ ބާރު
މިއަދު އަސީލް ހުރި ހިސާބަށް އާދެވުމުގެ އަޞްލަކީ މާތްﷲގެ މިންވަރުފުޅެވެ. އެކަލާނގެއަށް ޝުކުރު ދެންނެވުމަށްފަހު، އޭނާ މި ހުރިހާ ކުރިއެރުމެއްގެ ކްރެޑިޓް ދެނީ އޭނާގެ ލޯބިވާ އާއިލާއަށެވެ. އަސީލްގެ މައިންބަފައިންނަކީ އޭނާއަށް މި ހެޔޮ މަގު ދައްކައިދިން މީހުންނެވެ. އެ ދެމަފިރިން އޭނާއަށްޓަކައި ވެފައިވާ ގުރުބާނީއަކީ އަގު ނުކުރެވޭނެ ފަދަ މަތިވެރި މަސައްކަތެކެވެ. ދީނީ މަގުން ކުރިއަށް ދިއުމަށް ބޭނުންވާ މަގު ފަހިކޮށްދީ، މިއަދާ ހަމައަށްވެސް އެއްވެސް ބަދަލެއް ނެތި އޭނާއަށް ހިތްވަރު ދިނުމުގައި އެމީހުން ދެމިތިބެއެވެ.
އާއިލާގެ އިތުރުން، އަސީލްގެ އަންހެނުންނަކީ އޭނާގެ ދިރިއުޅުމުގެ އެންމެ ބޮޑު ހިތްވަރެވެ. އެންމެ ދަތި އުނދަގޫ ވަގުތުތަކުގައިވެސް އޭނާގެ އަތުގައި ހިފައިގެން، ސާބިތުކަމާއެކު ހުރެ އޭނާ ދައްކައިދެނީ ލާމަސީލު ނަމޫނާއެކެވެ. އަދި އޭނާގެ މުޅި އާއިލާއަކީ އަސީލްގެ ކޮންމެ އުފަލަކާއި ހިތާމައެއްގައި އެންމެ ފުރިހަމައަށް ބައިވެރިވާ، އޭނާގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރުންނެވެ. އާއިލާގެ ފަރާތުން ލިބޭ މި ލޯތްބާއި އެއްބާރުލުމަކީ އޭނާ މިއަދު މި ހޯދި ކާމިޔާބީގެ އެންމެ ވަރުގަދަ ބިންގަލެވެ.
އަސީލްގެ މި ދަތުރަކީ ހިތްވަރާއި ޢަޒުމާއެކު މަސައްކަތް ކޮށްފިނަމަ، އަދި އާއިލާގެ އެހީތެރިކަން ލިބިއްޖެނަމަ ކޮންމެ މީހަކަށްވެސް ހެޔޮ މަގަށް އެނބުރުމަކީ އުނދަގޫ ކަމެއް ނޫންކަން ސާބިތުކޮށްދޭ ދިރިހުރި މިސާލެކެވެ.
އަޅުގަނޑަށް މިކަމުގައި ކުރިޔަށް ދާނެ މަގު ފަހި ކޮށްދީ، މިއަދާއި ހަމަޔަށްވެސް ދެގޮތެއްނުވެ ހިތްވަރު ދިނުމުގައި އެންމެ އިސް ސަފުގައި ތިބީ އަޅުގަނޑުގެ މައިންބަފައިން. އަދި ކައިވެނިކުރިފަހުން އަޅުގަނޑުގެ އަންހެނުންވެސް މިކަމުގައި ކުރިއަށް ގެންދިޔުމަށް ގަދައަޅާ މަސައްކަތްކުރޭ. އެއީ ލިބޭ ވަރަށްބޮޑު ހިތްހަމަޖެޖުމެއް.. އަސީލް ބުނެފައިވެއެވެ.
ނިންމުން
އަސީލަކީ ހަމައެކަނި މުދިމެއް ނޫނެވެ. އޭނާއަކީ ދީނީ ޢިލްމު އުނގެނުމަށާއި، އުނގަންނައިދިނުމަށާއި، އަދި މުޖުތަމަޢަށް ޚިދުމަތްކުރުމުގައި ނަމޫނާ ޝަޚުޞިއްޔަތެކެވެ. އޭނާގެ މި ބުރަ މަސައްކަތުގެ ސަބަބުން ރަށުގެ ދީނީ ހޭލުންތެރިކަން އިތުރުވެ، ގިނަ ޒުވާނުންތަކަކަށް މި ދާއިރާއިން ކުރިއަށް ދިއުމުގެ ހިތްވަރު ލިބިގެންދެއެވެ.
