ޕާކިސްތާނުގެ ކުރީގެ ރައީސް އަވަހާރަވެއްޖެއެވެ.
ރައީސް ހުސެއިން މަމްނޫން އަވަހާރަވިކަން އޭނާގެ އާއިލާއިން ކަށަވަރުކޮށްދީފައިވާއިރު އޭނާ އަވަހާރަވީ އުމުރުފުޅުން 80 އަހަރުގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގިވަޑައިގަތީ ފާއިތުވި އަހަރުގެ ފެބްރުއަރީ މަހުގައެވެ. އޭގެ ފަހުން ހުސެއިން ގެންދެވީ ކަރާޗީގެ ޕްރައިވެޓް ހޮސްޕިޓަލަކުން ފަރުވާހޯއްދަވަމުންނެވެ. އޭނާ އަވަހާރަވީ ވެސް ހޮސްޕިޓަލުގައި ފަރުވާކުރައްވަމުން ގެންދަވަނިކޮށެވެ.
ނަވާރަ ސަތޭކަ ސާޅީސް ވަނަ އަހަރު އިންޑިއާގެ އާގްރާއަށް އުފަންވެވަޑައިގަތް ހުސެއިން 1947 ވަނަ އަހަރު ވަނީ އާއިލާ އާއި އެކީ ޕާކިސްތާނަށް ވަޑައިގެންފައެވެ. ހުސެއިން ވަނީ ޕާކިސްތާނުގެ ބާރަވަނަ ރައީސްކަން 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ކުރައްވައިފައެވެ.
ރައީސް ހުސެއިން އަވަހާރަވުމުން ޕާކިސްތާނުގެ ގިނަ ސިޔާސީ ލީޑަރުން ދަނީ އެމަނިކުފާނަށް ތައުޒިޔާ ފޮނުވަމުންނެވެ. ހުސެއިން އަކީ އިތުބާރު ކުރެވޭ ވިސްނުން ތޫނު ވެރިއެއްކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. އަދި އޭނާގެ ޕާޓީގައި ކުރިމަތިވި ހުރިހާ ކަމެއްގައި ވަރަށް ޒިންމާދާރުކަމާއި އެކީ ސާބިތުވެ ހުންނެވި ލީޑަރެއްކަމަށްވެސް ގިނަބަޔަކު ގަބޫލުކުރެއެވެ.
