ވިޓަމިން ކޭ އަކީ އާންމުކޮށް ލޭ މަނާކުރުމަށާއި ކަށިތަކުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ މާއްދާއެއްގެ ގޮތުގައި މަޝްހޫރު އެއްޗެކެވެ. ނަމަވެސް، ޖަޕާނުގެ ޝިބައުރާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ސައިންސްވެރިން ހާމަކުރި ގޮތުގައި، އިންސާނާގެ ސިކުނޑި އަމިއްލައަށް މަރާމާތުވުމަށް އެހީތެރިވެދޭ "ސުޕަރޗާޖްޑް" ނުވަތަ އާދަޔާޚިލާފަށް ބާރުގަދަ ވިޓަމިން ކޭ ގެ ކޮމްޕައުންޑްތަކެއް އެގައުމުގެ މާހިރުން ވަނީ ކާމިޔާބުކަމާއެކު އުފައްދާފައެވެ. މި ހޯދުމަކީ އަލްޒައިމާސް (ހަނދާންނެތޭ ބަލި) އަދި ޕާކިންސަންސް ފަދަ ނާޒުކު ބަލިތަކަށް ފަރުވާ ހޯދުމުގައި އިންގިލާބީ ބަދަލެއް ގެނެސްދޭނެ ކަމެކެވެ.
މި އައު މާއްދާ ސައިންސްވެރިން ތައްޔާރުކުރީ ގުދުރަތީ ވިޓަމިން ކޭ ގެ ތެރެއަށް ވިޓަމިން އޭ އާ ގުޅުންހުރި ބާވަތްތަކެއް އެއްކޮށްލައިގެންނެވެ. މި ބަދަލާއެކު އުފެދުނު ކޮމްޕައުންޑްތަކަކީ، ސިކުނޑީގެ ހަލާކުވެފައިވާ ނިއުރޯންތައް (ނާރުގެ ސެލްތައް) އަލުން އުފެއްދުމަށްޓަކައި، ހަށިގަނޑުގައި ހުންނަ ނިއުރަލް ސްޓެމް ސެލްތައް ނިއުރޯންތަކަށް ބަދަލުކުރުމުގައި އާދައިގެ ވިޓަމިން ކޭ އަށްވުރެ ތިން ގުނަ އިތުރަށް ބާރުގަދަ އެއްޗެކެވެ. މިއީ ސިކުނޑީގެ ސެލްތައް މަރުވުމުގެ ސަބަބުން ހަނދާނާއި ހަރަކާތްތަކަށް ހުރަސްއެޅޭ ބަލިތަކުން ދިފާޢުވުމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.
މިހާރު ބޭނުންކުރާ ބޭސްތަކުން ބަލީގެ އަލާމާތްތައް ކުޑަކޮށްދިން ނަމަވެސް، މަރުވެފައިވާ ސިކުނޑީގެ ސެލްތައް އަލުން ދިރުވައެއް ނުދެއެވެ. ނަމަވެސް، މި "ސުޕަރޗާޖްޑް" ވިޓަމިން ކޭ ގެ އެހީގައި ސިކުނޑީގެ ސެލްތައް އަމިއްލައަށް އާލާވެ، ކުރީގެ ހަނދާންތަކާއި ސިކުނޑީގެ ބާރުތައް އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑެވެ. ސައިންސްވެރިންގެ އުންމީދަކީ މި ހޯދުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މިފަދަ ނުރައްކާތެރި ބަލިތަކުން އިންސާނާ މުޅިން ސަލާމަތްކޮށްދޭނެ ފަދަ ރިޖެނެރޭޓިވް ބޭސްތަކެއް އުފެއްދުމެވެ.
