ކޮވިޑް-19 ގެ ހަގީގަތް ނުވަތަ އަސްލު ދެނެގަތުމަށް ކުރަމުންދާ ތަހުގީގަށް ޗައިނާއިން "ރޯ" ޑާޓާތައް ފޯރުކޮށްދީފައިނުވާތީ، އެ ތަހުގީގަށް ހުރަސްތަކެއް އެޅިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދްނޯމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެޑްރޯސް ވަނީ ޗައިނާއިން މިހާރަށް ވުރެ ބޮޑަށް މިކަމުގައި އެއްބާރުލުންދީ، ހާމަކަން ބޮޑުގޮތެއްގައި މައުލޫމާތު ހިއްސާ ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ކޮވިޑް19ގެ ބަލީގައި އެތައް މިލިއަން ބައެއްގެ ފުރާނަ ގޮސް، އެތައް މިލިއަން ބަޔަކަށް މިބަލިޖެހި، އެތައް މިލިއަން ބައެއްގެ ދިރިއުޅުމަށް އަސަރުކޮށްފައިވާއިރު ކޮވިޑް19ގެ އަސްލަކީ ކޮބައިކަން އެނގުމަކީ މުހިންމު ކަމެއް ކަމަށް ޓެޑްރޯސް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް19ގެ ހަގީގަތް ނުވަތަ އަސްލު ދެނެގަތުމަށްޓަކައި ޑަބްލިޔު.އެޗް.އޯ ގެ ޓީމެއް މީގެކުރިން ވަނީ، ވައިރަސް އެންމެ ފުރަތަމަ ފެނުނު ތަން، ކަމުގައިވާ ވޫހާންއަށް ގޮސް ތަހުގީގުކުރިޔަށް ގެންގޮސްފައެވެ. އެއަށްފަހު އެކުލަވާލި ރިޕޯޓުގައި އިތުރަށް މިކަން ތަހުގީގުކުރަންޖެހޭކަމަށް ވަނީ ބުނެފައެވެ. އަދި ކޮވިޑަކީ ޗައިނާގެ ލެބޯޓްރީއަކުން ލީކުވެފައިވާ ވައިރަސް އެއްކަން ސާބިތުކުރެވޭވަރަށް ހެކި ލިބިފައިނުވާކަމަށްވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

އެ ޖަމުއިއްޔާއިން އަންނަނީ ކޮވިޑް19ގެ އަސްލު ދެނެގަތުމުގެ ތަހުގީގުގެ ދެވަނަ ފިޔަވައްސަށް ތައްޔާރުވަމުންނެވެ.