ކަމަދޫގެ ފޯރިގަދަ އަދި ސަގާފީ އީދު ކުޅިވަރުތައް ބައްލަވައިލެއްވުމަށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ކަމަދޫއަށް ވަޑައިގެންފިއެވެ.
ރާއްޖޭގައި އެންމެ ފޯރިއާއެކު ސަގާފީ އީދު ފާހަގަކުރާ ރަށްތަކުގެ ތެރޭގައި ހިމެނޭ ބ. ކަމަދޫގައި ކުރިއަށްދާ އީދު ހަރަކާތްތައް ބައްލަވައިލެއްވުމަށް އުއްޗު ވަޑައިގަތުމުން، އެ ރަށުގެ ރައްޔިތުން ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ކަމަދޫގެ އީދު ފޯރިއާއި އެ ރަށުގެ ސަގާފީ ހަރަކާތްތަކާ ވަރަށް ބޮޑު ގުޅުމެއް އުއްޗު ވަނީ ބާއްވަވާފައެވެ. އެގޮތުން، ކަމަދޫގައި ސަގާފީ އީދު ފާހަގަކުރުމަށްޓަކައި ހިންގާ ހަރަކާތްތަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އުއްޗު ދެއްވަމުން ގެންދަވާ އެހީތެރިކަމަކީ އެ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމެކެވެ. ޚާއްޞަކޮށް ސަގާފީ ނެށުންތަކާއި، ކުޅިވަރުތައް ކުރިއެރުވުމަށް އެ މަނިކުފާނު ދެއްވާ އެއްބާރުލުމަކީ ކަމަދޫގެ އީދު ފޯރިގަދަވުމުގެ އެއް ސަބަބުކަން އެ ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.
ކަމަދޫއަކީ އީދު ދުވަސްވަރު ސަގާފީ ހަރަކާތްތައް ކަމަށްވާ ތާރަ ޖެހުމާއި، ބޮޑުބެރުގެ އިތުރުން ކޯޑި ކުޅުން ފަދަ ހަރަކާތްތައް އެންމެ ފުރިހަމައަށް ފެނިގެންދާ އެއް ރަށެވެ. އަދި "ކަމަދޫ އީދު އުފާ" ގެ ނަމުގައި ސޯޝަލް މީޑިއާގައި މި ރަށުގެ އީދު ހަރަކާތްތައް ޕްރޮމޯޓްކުރަމުންދާ އިރު، މިއީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ފޯރިގަދަ އީދެކެވެ.
އުއްޗު ކަމަދޫއަށް ވަޑައިގެން، ރައްޔިތުންނާއެކު އީދުގެ އުފާވެރި ވަގުތުތައް ހޭދަކުރައްވަމުން ގެންދަވާ އިރު، މި ދަތުރުފުޅަކީ ކަމަދޫގެ އީދު ކުޅިވަރުތަކަށް ލިބުނު އިތުރު ފޯރިއެއް ކަމުގައި އެ ރަށުގެ ރައްޔިތުން ބުނެއެވެ.
