ކަމަދޫގެ އީދު ޢީދު "އުފާ" ފޯރިގަދަ ހަރަކާތްތަކަށް، އެ ރަށުގެ އެންމެ މަޝްހޫރު ނެށުންތެރިޔާ އައިމިނަތު ޒާރާ (ކުއީން ޒާރާ) އެނބުރި އަތުވެއްޖެއެވެ. ޒާރާގެ މި އެނބުރި އައުމާއެކު، މިއަހަރުގެ އީދު ހަރަކާތްތަކަށް ވަނީ އިތުރު ދިރުމަކާއި ފޯރިއެއް ލިބިފައެވެ.

ކަމަދޫގެ އީދު ސްޓޭޖުތަކުން މީގެ ކުރިންވެސް ފެނިގެންދިޔަ ޒާރާގެ ހުނަރުވެރި ނެށުންތަކަކީ އެ ރަށުގެ އީދު ފޯރީގެ އެންމެ ޚާއްޞަ އެއް ސިފައެވެ. ދިވެހި ސަގާފީ ނެށުންތަކާއި، ޒަމާނީ ނެށުންތައް ފުރިހަމަކަމާއެކު ހުށަހަޅައިދޭ ޒާރާ، މީގެ ކުރިން ކައިވެންޏަކަށްފަހު ފެނުމުން ދުރުގައި ހުރުމަށްފަހު، މިއަހަރުގެ އަޟްޙާ ޢީދާ ދިމާކޮށް އަލުން ސްޓޭޖަށް އެނބުރި އައުމަކީ އެ ރަށުގެ ރައްޔިތުންނާއި އޭނާގެ ފޭނުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

މިއަހަރުގެ އީދު ހަރަކާތްތަކުގައި ޒާރާ ހުށަހަޅައިދިން ނެށުންތަކުގެ ވީޑިއޯތައް، މިހާރުވެސް ސޯޝަލް މީޑިއާގައި ދަނީ ވައިރަލްވަމުންނެވެ. ޚާއްޞަކޮށް ޓިކްޓޮކް އާއި އެހެނިހެން  ޕްލެޓްފޯމްތަކުގައި ޒާރާގެ ނެށުންތަކަށް އާންމުންގެ ތައުރީފު އޮހެމުންދާ އިރު، ގިނަ ބަޔަކު އޭނާ ސިފަކުރަނީ "ކުއީން ޒާރާ" ގެ ނަމުންނެވެ.

މި އަހަރުގެ ކަމަދޫ އީދު އުފާ ހަރަކާތްތަކުގައި، ސަގާފީ ތާރަ ޖެހުމާއި، ބޮޑުބެރުގެ އިތުރުން ޚާއްޞަ އީދު ލަވަތަކެއްވެސް ވަނީ ހުށަހަޅައިދީފައެވެ. ޒާރާގެ ބައިވެރިވުމާއެކު، މިއަހަރުގެ އީދު ސްޓޭޖުތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދިޔަ ކަމަށް ކަމަދޫގެ ގިނަ ބަޔަކު ބުނެއެވެ. 

"އެހާ ދުވަސްފަހުން ވެސް އޭނާ އޭނާގެ ރަށަށްޓަކައި އެނބުރި އައީ، ކުއީން ޒާރާ ދުވަހަކުވެސް މާޔޫސެއް ނުކުރާނެ،" ސޯޝަލް މީޑިއާގައި ޒާރާއަށް ތައުރީފު ކުރަމުން މީހަކު ލިއެފައިވެއެވެ.

ކަމަދޫއަކީ ދިވެހި ސަގާފީ އީދު އުފާ ދިރުވައި އާލާކުރުމުގައި މުޅި ރާއްޖޭގައިވެސް ނަމޫނާ ރަށެއްކަން ފާހަގަކުރެވެއެވެ. މިފަދަ ހުނަރުވެރި ފަންނާނުންގެ ބައިވެރިވުމަކީ، އެ ރަށުގެ އީދު ފޯރި އެތައް ގުނައަކަށް އިތުރުކޮށްދޭ ކަމެކެވެ.