ދިވެހިރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްކައުޓުންނަށް ހޫނު ތަހުނިޔާ އާއި ޝުކުރުގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސް މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި، ސްކައުޓް ހަރަކާތަކީ ރައްޔިތުންގެ އިތުބާރާއި އިހުތިރާމް ލިބިފައިވާ، އަދި މުޅި ގައުމު ފަހުރުވެރިވާ ފަދަ ހިދުމަތްތަކެއް ކުރަމުންދާ ހަރަކާތެއްކަން ފާހަގަކުރެއްވިއެވެ. މިއީ ރާއްޖޭގައި އޮތް އެންމެ ޒަމާންވީ، އަދި މުޅި ރާއްޖެއަށް އެންމެ ފުޅާކޮށް ފެތުރިފައިވާ އެންމެ ބޮޑު ދަރުމަވެރި (ވޮލަންޓްރީ) ހަރަކާތްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ސްކައުޓް ހިދުމަތް ފެށުމުގައި އިސްނެންގެވި ލީޑަރުންނަށާއި، ވޭތުވެދިޔަ 70 އަހަރުގެ ތެރޭގައި މި ހަރަކާތް ދެމެހެއްޓުމުގައި ބައިވެރިވި ހުރިހާ ސްކައުޓުންނަށް ރައީސް މަރުހަބާ އާއި ސާބަސް ދެންނެވިއެވެ. ހާއްސަކޮށް، ގައުމު ގޮވައިލި ކޮންމެ ވަގުތަކު ސްކައުޓުން ވެފައިވާ ގުރުބާނީ އާއި، އެއްވެސް އުޖޫރައެއް ނެތި ދަރުމައަށް ކޮށްދެމުންދާ ހިދުމަތްތަކުގެ އަގު ރައީސް ވަޒަންކުރެއްވިއެވެ.
ސްކައުޓް ހަރަކާތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދިވެހީންނަށް ބޭނުންތެރި އެތައް ހުނަރުތަކަކާއި ރީތި އާދަތަކެއް މި ހަރަކާތުގެ ތެރެއިން އުނގަންނައިދީފައިވާ ކަމަށެވެ. އަދި މި ހަރަކާތުން ގައުމަށް ބިނާކޮށްދީފައިވަނީ ހަރުދަނާ ދަރިންތަކެއް ކަމަށާއި، މިއީ ރާއްޖޭގެ ރަށްތަކުގެ މެދުގައި އޮންނަ ގުޅުމުގެ އިތުރުން، ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެއާ އޮންނަ ގުޅުން ވަރުގަދަކޮށްދޭ ބާރެއް ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ މެސެޖު ނިންމަވާލައްވަމުން، ރާއްޖެއަށް އަންނަމުންދާ ތަރައްގީއާއެކު ކުރިމަގުގައި ސްކައުޓް ހަރަކާތް އިތުރަށް ފުޅާކޮށް، ސްކައުޓުންގެ އަދަދު އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ގައުމީ ހިދުމަތުގައި ސްކައުޓުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑުކުރަންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ދިވެހި ސްކައުޓް ހަރަކާތަށް ފާގަތިކަމާއި ކާމިޔާބީއަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.
