މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން، ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުންނަށް އަމާޒުކޮށްގެން ހާއްސަ ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި، މިއީ ބަލި ފެތުރުން ހުއްޓުވުމަށާއި، ބަލީގެ ސަބަބުން ފުރާނައަށް ލިބިދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ. ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، ފާއިތުވި 9 އަހަރުގެ ތެރޭގައި އެކި ދުވަސްވަރު މި ބަލީގެ ކޭސްތައް ވަނީ ރިޕޯޓުކޮށްފައެވެ. އެންމެ ފަހުން މި މެއި މަހުގެ 13 ވަނަ ދުވަހު މާލެ ސަރަހައްދުން ބަލީގެ އަލާމާތްތައް ފެނިގެން ޕޮޒިޓިވްވި މީހުންނާއެކު، މިހާތަނަށް ޖުމްލަ 9 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރ ނާޝިޔާ ޢަބްދުލްގަފޫރު ވިދާޅުވި ގޮތުގައި، ބަލިޖެހުނު މީހުންނާ ސީދާ ބައްދަލުވި ފަރާތްތަކަށް މިހާރުވެސް ވެކްސިން ދިނުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އާންމުންގެ ތެރެއިން ވެކްސިން ފުރިހަމަނުކޮށް ތިބި މީހުންނަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށާއި، މި ކެމްޕޭނަށް ބޭނުންވާ ވެކްސިން ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ، ވެކްސިން ޖެހިކަމުގެ ޔަގީން ލިޔެކިޔުމެއް ނެތް ނަމަ، އެންމެ ރައްކާތެރި ގޮތަކީ އަލުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ. ހާއްސަކޮށް ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އެދެއެވެ.

ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ޑޮކްޓަރަށް ދެއްކުމަށް ދާއިރު މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.