އިންޑިއާއަށް ދަތުރުކުރާ އެންމެހާ ފަރާތްތަކުން، ދަތުރުކުރުމުގެ ކުރިން ސެލްފް ޑިކްލެރޭޝަން ފޯމެއް ފުރައި ހުށަހަޅަން ޖެހޭ ގޮތަށް އިންޑިއާ ސަރުކާރުން ހަމަޖައްސައިފިއެވެ. މިކަމާ ގުޅިގެން، އިންޑިއާއަށް ފުރާ ދިވެހިން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވިއަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މި އާ އުސޫލު ތައާރަފްކުރީ ކޮންގޯ އާއި ޔުގެންޑާގައި އެބޯލާ ބަލި ފެތުރެމުންދާތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ނެރެފައިވާ ކުއްލި ހާލަތާ ގުޅިގެންނެވެ. އިންޑިއާގެ ޑިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ނެރެފައިވާ މި ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) ގެ ދަށުން، ކޮންމެ ދަތުރުވެރިއަކު ވެސް އިންޑިއާއަށް އެތެރެވުމުގެ ކުރިން ބަލިހާލަތު ބަޔާންކޮށް ފޯމު ފުރަން ޖެހެއެވެ.

ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަނުން ވަނީ މި ފޯމު އެ އެއާލައިންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ. ފުރިހަމަކޮށްފައިވާ މި ފޯމު ހުށަހަޅަން ޖެހޭނީ އިންޑިއާއަށް ގޮސް، އެ އެއާޕޯޓެއްގައި ހުންނަ ހެލްތު އެންޑް އިމިގްރޭޝަން ކައުންޓަރަށެވެ.

އެސްއޯޕީގެ ދަށުން އަޅާފައިވާ އިތުރު ފިޔަވަޅުތައް:

  • ދަތުރުކުރާ ވަގުތުތަކުގައި އެއާލައިންތަކުން ސިއްހީ މައުލޫމާތު އާންމުކޮށް އިއުލާން ކުރަން ޖެހޭނެ.

  • ރޯގާ، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ހޮޑުލުން، އަދި ލޭ އައުން ފަދަ އެބޯލާ ވައިރަހުގެ އަލާމާތްތައް ހުރިތޯ ދަތުރުވެރިންގެ ކިބައިން ސާފުކުރަން ޖެހޭނެ.

  • އިންޑިއާއަށް އެތެރެވާތާ 21 ދުވަހުގެ ތެރޭގައި މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ވަގުތުން ހޮސްޕިޓަލްގެ އެހީ ހޯދުމަށާއި އެއާޕޯޓުގެ ހެލްތު އޮފީހަށް އެންގުމަށް ވަނީ އިރުޝާދު ދީފަ

އެބޯލާ ވައިރަހުގެ މި ބާވަތުން މިހާތަނަށް ކޮންގޯގައި 220 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ޝައްކުކުރެވޭ 900 އަށް ވުރެ ގިނަ ކޭސް ފެނިފައިވެއެވެ. އެހެންކަމުން، ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިއާއިން އަޅާފައިވާ މި ފިޔަވަޅުތަކަށް އަމަލުކުރުމަކީ ދަތުރުކުރާ އެންމެހާ ފަރާތްތަކުގެ ޒިންމާއެކެވެ.