ރާއްޖޭގެ ހުނަރުވެރި އާޓިސްޓް އަދި ވިޔަފާރިވެރިޔާ ރަޔާ މަންސޫރު، "ފޯބްސް 30 އަންޑާ 30 އޭޝިއާ 2026" ލިސްޓުން ޖާގަ ހޯދައިފިއެވެ. އިންޓަނޭޝަނަލް ފެންވަރުގެ މި ޝަރަފުވެރި ލިސްޓުގެ 'ދަ އާޓްސް' ކެޓަގަރީން ރަޔާ ޖާގަ ހޯދީ، އޭނާގެ ފަންނީ އަދި ވިޔަފާރީގެ ދާއިރާއިން ދައްކަމުން އަންނަ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ސަބަބުންނެވެ.
ރަޔާ އަކީ ރާއްޖޭގެ މަޝްހޫރު ލައިފްސްޓައިލް އާޓް ބްރޭންޑް، 'އޮއެވާލި އާޓް ޝޮޕް'ގެ އެއް ފައުންޑަރެވެ. އޭނާގެ އަމިއްލަ މަސައްކަތުން ކުރެހުމުގެ ހުނަރު ދަސްކޮށްފައިވާ ރަޔާ އަކީ އިގްތިސާދީ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިވާ ފަރާތެކެވެ. 2015 ވަނަ އަހަރު އޭނާގެ އެއްބަނޑު އެއްބަފާ ރާނިޔާ މަންސޫރާ ގުޅިގެން އުފެއްދި މި ބްރޭންޑު، މިހާރު ރާއްޖޭގެ އިތުރުން ސިންގަޕޫރުގައި ވެސް އަންނަނީ ކާމިޔާބުކަމާއެކު ހިންގަމުންނެވެ.
ރަޔާގެ ކުރެހުންތަކަކީ އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަސައްކަތްތަކެކެވެ. އެގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓީއެމްއޭ ވީއައިޕީ ލައުންޖު ފަދަ މުހިންމު ތަންތަނުގައި އޭނާގެ އުފެއްދުންތައް ބަހައްޓާފައިވެއެވެ. އޭޝިއާ ޕެސިފިކް ސަރަހައްދުން 300 ފަރާތެއް ހިމަނައިގެން އާންމުކުރި މި ލިސްޓުގައި ރަޔާ ހިމެނުމަކީ، ދިވެހި އުފެއްދުންތެރިންނާއި ހުނަރުވެރިން ބައިނަލްއަގުވާމީ މައިދާނުގައި ވިދަމުންދާ ކަމުގެ އިތުރު ހެއްކެކެވެ.
