ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދުކުރުމަށްޓަކައި، ފަސް އަހަރު ދުވަހުގެ ޤައުމީ ކެމްޕޭނެއް ސަރުކާރުން މިއަދު ފަށައިފިއެވެ. މި ކެމްޕޭން ފަށާފައިވަނީ ވޯލްޑް ނޯ ޓޮބޭކޯ ޑޭ ފާހަގަކުރުމުގެ ގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ހެލްތު މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވީ، ރާއްޖޭގެ ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށެވެ. އަދި ގައިން ގަޔަށް ނާރާ ބަލިތަކުން މަރުވާ މީހުންގެ 84 ޕަސަންޓަކީ ދުންފަތުގެ ސަބަބުން ކުރިމަތިވާ ސިއްޙީ ހިރާސްތަކާ ގުޅުން ހުރި މީހުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މި ކެމްޕޭނުގެ ތެރެއިން ވޭޕް މަނާކުރުމަކީ ރައްޔިތުން، ޚާއްސަކޮށް ޒުވާނުން ސިއްހީ ނުރައްކާތަކުން ދުރުހެލިކުރުމަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ކެމްޕޭން ކާމިޔާބު ކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އަދި ހޯމް މިނިސްޓްރީ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. އެގޮތުން، ސްކޫލުތަކުގައި ދަރިވަރުންނަށް މައުލޫމާތު ދިނުމާއި، ކްލަބް ޖަމިއްޔާތައް މެދުވެރިކޮށް އަތޮޅުތެރޭގައި އެޑްވަކަސީ ޕްރޮގްރާމްތައް ހިންގުމާއި، މަސްތުވާތަކެތި އެކުލެވޭ ވޭޕް ބޭނުންކުރުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
