ރާއްޖޭގެ އެތުލެޓިކްސް ދާއިރާގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް އެތުލީޓު، އަހްނާ ނިޒާރު 200 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް އައުކޮށްފިއެވެ. މި ކާމިޔާބީ އޭނާ ހޯދީ ހޮންގކޮންގުގައި ކުރިއަށްދިޔަ 20 އަހަރުން ދަށުގެ އޭޝިއަން ޗެންޕިއަންޝިޕްގައި ވާދަކޮށް، 25 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

މީގެ ކުރިން މި ރިކޯޑު އޮތީ ވެސް އަހްނާ އަތުގައެވެ. އޭނާ މީގެ ކުރިން މި ރޭސް ފުރިހަމަކޮށްފައިވަނީ 25.10 ސިކުންތުންނެވެ. އެއީ 2024 ވަނަ އަހަރު ބޭއްވި ގައުމީ ޗެންޕިއަންޝިޕްގައި ވާދަކޮށްގެންނެވެ. އަމިއްލަ ރިކޯޑު އަހްނާ އައުކޮށްފައިވާއިރު، މިއީ އޭނާގެ ހުނަރު ދައްކުވައިދޭ މުހިންމު ކާމިޔާބީއެކެވެ.

އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަން (އޭއޭއޭ)އިން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރި އެތުލީޓުންގެ ތެރޭގައި އަހްނާގެ އިތުރުން އަހްމަދު ރައްޔާން ފަހްމީ، ޒުއިޒް މުހައްމަދު ސުއާދް އަދި ޒިވާ މޫސާ ޝަފީޢު ހިމެނެއެވެ. އޭޝިއާގެ އެންމެ މޮޅެތި އެތުލީޓުން ވާދަކުރާ މި މުބާރާތަކީ ޒުވާން އެތުލީޓުންގެ ހުނަރު ކުރިއެރުވުމަށް ބާއްވާ ވަރަށް މުހިންމު މުބާރާތެކެވެ.