ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އިންތިހާބުކޮށްފިއެވެ. މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި މި މަގާމަށް ސަލީމް އިންތިހާބުކޮށްފައިވަނީ 62 މެންބަރުންގެ ވޯޓާއެކުއެވެ.
މި މަގާމަށް ސަލީމްގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެ ނަން ހުށަހެޅުނެވެ. ވޯޓުލުމުގެ ކަންކަން ކުރިއަށްދިޔައިރު، ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބުކޮށްފައި މިވަނީ، އެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ނާޒިމް އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ބައެއް ފަރާތްތަކުން ކުރި ތުހުމަތުތަކާ ގުޅިގެންނެވެ. ނަމަވެސް، އެ ތުހުމަތުތައް ނާޒިމް ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އިސްތިއުފާ ދެއްވަން ނިންމެވީ ވެރިކަން ކުރާ ޕާޓީގެ މެންބަރުންގެ އެދުމުގެ މަތިން، ޑިމޮކްރަސީގެ ތަހުޒީބީ އުސޫލުތަކަށް އިހުތިރާމު ކުރުމުގެ ގޮތުންނެވެ.
