ކެންޔާގެ މޭރޫ ސަރަހައްދުގައި ހިނގި ތަފާތު ހާދިސާއެއްގައި، ދަނޑަކުން އަވޮކާޑޯ ވަގަށް ބިންނަނިކޮށް އަތުލައިގަތް މީހަކަށް، އޭނާ ވަގަށް ނެގި ހުރިހާ އަވޮކާޑޯއެއް މަޖުބޫރުން ކާންދީފިއެވެ. ސޯޝަލް މީޑިއާގައި މިހާރު ވަރަށް ބޮޑަށް ވައިރަލްވެފައިވާ މި ހާދިސާގެ ރިޕޯޓުތައް ބުނާގޮތުން، އެ މީހާ އަތުލައިގަތީ ދަނޑުން އަވޮކާޑޯ ބިންނަނިކޮށް އެ ސަރަހައްދުގެ އާންމުންނެވެ.
އެގައުމުގެ ބައެއް ރިޕޯޓުތަކަށް ބަލާއިރު، އެ މީހާ ވަގަށް ބިނދެފައިވަނީ މުޅިން ދޮންނުވާ 51 އަވޮކާޑޯއެވެ. އާންމުން އޭނާ ހިފެހެއްޓުމަށްފަހު ފުލުހުންނާ ހަވާލުކުރުމުގެ ބަދަލުގައި، އަދަބެއްގެ ގޮތުން ނިންމީ އެ ހުރިހާ އަވޮކާޑޯއެއް އެތާ ބަހައްޓައިގެން އޭނާއަށް ކާންދޭށެވެ. ވީޑިއޯއިން ފެންނަ ގޮތުގައި، ދަނޑުވެރިން ކައިރީގައި ތިބެގެން ދޮންނުވާ ހަރު އަވޮކާޑޯތައް ކެއުމަށް އޭނާއަށް ދަނީ ވަރަށް ބޮޑަށް މަޖުބޫރުކުރަމުންނެވެ.
މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާއަށް ތިލަވުމާއެކު ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ. ބައެއް މީހުން މިއީ ވައްކަންކުރާ މީހުންނަށް ދޭން އެންމެ ރަނގަޅު "ގުދުރަތީ" އަދަބު ކަމަށް ބުނެ މަޖާ ކުރަމުންދާއިރު، އަނެއް ބަޔަކު ދަނީ ދޮން ނުވާ މިފަދަ މޭވާ ގިނައިން ކެއުމުން އެ މީހާގެ ސިއްހަތަށް ބޮޑު ގެއްލުމެއް ވެދާނެތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި އާއްމުން ނުކުމެ އަތުލައިގަންނަ ވަގުންނާ ދޭތެރޭ މިފަދައިން އަމަލުކުރަމުންދާކަން ފާހަގަ ކުރެވެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އާއްމުން މިފަދަ އަދަބުތައް ދެނީ ފުލުހުންނާއި ޝަރުއީ ނިޒާމަށް އިތުބާރު ނުކުރެވޭތީއެވެ.
