ސައިންސްވެރިން ކުރިން ގަބޫލުކުރި ގޮތާ ޚިލާފަށް، އުމުރުން ދުވަސްވާ ވަރަކަށް މެލަނޯމާ (ހަމުގެ ކެންސަރުގެ ބާވަތެއް) ފެތުރޭ މިންވަރު މެދުނުކެނޑި އިތުރުވަމުން ނުދާކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ޓެމްޕަލް ޔުނިވަރސިޓީ ހެލްތު ސިސްޓަމުން ހާމަކުރި ގޮތުގައި، ކެންސަރު ފެތުރޭ މިންވަރު އެންމެ ދަށީ ޒުވާން މީދަލުގައެވެ. ނަމަވެސް، މެދު އުމުރުގެ މީދަލުގައި މިއަދަދު ކުއްލިއަކަށް މައްޗަށް ގޮސް، އުމުރުން ވަރަށް ދުވަސްވީ މީދަލުގައި އަނެއްކާވެސް މި މިންވަރު ދަށަށްދާކަން ވަނީ ފާހަގަކުރެވިފައެވެ.
މި ހައިރާންކުރުވަނި ހޯދުމުގެ ފަހަތުގައިވަނީ ދިފާޢީ ނިޒާމުގެ ޚާއްޞަ ސެލްތަކެއް ކަމަށްވާ "ގޭމާ ޑެލްޓާ ޓީ ސެލްސް" އެވެ. މި ސެލްތަކަކީ ހަށިގަނޑުގެ ކުރީ ސަފުގެ ދިފާޢީ ނިޒާމުގެ ގޮތުގައި މަސައްކަތްކޮށް، ކެންސަރު ފެތުރުން ހުއްޓުވައިދޭ ބައެކެވެ. ދިރާސާއިން ދެއްކި ގޮތުގައި ޒުވާން މީދަލަށްވުރެ އުމުރުން ދުވަސްވީ މީދަލުގެ ހަށިގަނޑުގައި މި ސެލްތައް ގިނަ އަދަދަކަށް ހުރެއެވެ. މީގެ ސަބަބުން ކެންސަރު ސެލްތައް ހަށިގަނޑުގައި ފެތުރިގެން ނުގޮސް މަޑުޖެހިފައި ހުރެއެވެ.
މެދު އުމުރުގައި ކެންސަރު މާ ނުރައްކާތެރިވަނީ، އެ އުމުރުގައި މި ބުނި ރައްކާތެރިކޮށްދޭ ސެލްތަކުގެ އަދަދު މަދުވުމުންނެވެ. މީގެ އިތުރުން، މެލަނޯމާ ސެލްތަކުން ބައެއް ކަހަލަ މޮލިކިއުލްތައް ބޭރުކޮށް، ދިފާޢީ ނިޒާމުގެ ބާރު ކަނޑުވާލާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. މީގެ ސަބަބުން، ކުރިން ހަށިގަނޑުގައި ހިމޭނުން ހުރި ކެންސަރު ސެލްތައް އަލުން ހަރަކާތްތެރިވެ، ފުއްޕާމެޔާއި ފުރަމޭ ފަދަ ގުނަވަންތަކަށް ފެތުރިގެންދާން މަގުފަހިވެއެވެ.
ދިރާސާވެރިން މިކަން އިތުރަށް ޔަގީންކުރުމަށްޓަކައި، ޒުވާން އަދި ވަރަށް ދުވަސްވީ މީދަލުގެ ހަށިގަނޑުން ޓީ ސެލްތައް ވަކިކޮށްލުމުން، އެ މީދަލުގެ ހަށިގަނޑުގައި ކެންސަރު ފެތުރޭ މިންވަރު ބޮޑުތަނުން އިތުރުވިއެވެ. އަދި މެދު އުމުރުގެ މީދަލުގެ ދިފާޢީ ނިޒާމު ބަލިކޮށްލާ ސިގްނަލްތައް ހުއްޓުވުމުން، އަލުން އެ މީދަލުގެ ދިފާޢީ ބާރު ގަދަވެ ކެންސަރު ފެތުރުން މަދުވިކަން ފާހަގަކުރެވުނެވެ.
މި ހޯދުމަކީ އުމުރުން ދުވަސްވީ މީހުންނަށް ކެންސަރުގެ ފަރުވާ ދިނުމުގައި ވަރަށް މުހިންމު ބަދަލެއް ގެނެސްދޭނެ ކަމެކެވެ. އާންމުކޮށް އިންސާނުންގެ އުމުރުން 80 އާއި 85 އަހަރަށްވުރެ މަތިވުމުން ކެންސަރު ޖެހުމުގެ ފުރުޞަތު ކުއްލިއަކަށް ދަށަށްދާކަން ސައިންސްވެރިންނަށް ކުރިންވެސް އެނގެއެވެ. މި ދިރާސާގެ ސަބަބުން، މެދު އުމުރުގައި ކެންސަރު މާ ބާރަށް ފެތުރިފައި، އުމުރުން ދުވަސްވުމުން އެކަން މަޑުޖެހެނީ ކީއްވެގެންކަން މިހާރު މިވަނީ ސާފުވާން ފަށާފައެވެ.
ހަވާލާ: ސައިންސް ޑެއިލީ 2026.
