ތިލަފުށީގައި ތަރައްޤީކުރަމުންދާ ބަނދަރުގެ 100 މީޓަރުގެ ކީވޯލް (މަގަތު ފާލަން) ހެދުމާއި، އެ ސަރަހައްދު ޕޭވް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. 154 މިލިއަން ރުފިޔާގެ މި މަޝްރޫޢު 120 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.

އެމްޕީއެލުން މައުލޫމާތު ދޭ ގޮތުގައި، މި ސަރަހައްދު ބޭނުންކުރާނީ ތިލަފުށީ ޕޯޓުގެ ކްލިއަރަންސް އޮޕަރޭޝަންތަކަށެވެ. މިއީ މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓަރމިނަލަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ލިބޭނެ ބޮޑު ލުޔެއް ކަމަށް އެމްޕީއެލުން ފާހަގަކުރެއެވެ. މި މަޝްރޫޢު ނިމުމުން، މި ސަރަހައްދު އެމްޕީއެލްގެ އުޅަނދުތަކަށް ޚާއްސަ "ސަރވިސް ކީ" އެއްގެ ގޮތުގައި ބޭނުންކުރާނެއެވެ.

ތިލަފުށީ ބައިނަލްއަޤްވާމީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާކަން ފާހަގަކުރަމުން އެމްޕީއެލުން ބުނީ، އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ބަނދަރު ޚިދުމަތަށް ހުޅުވާލުން ކަމަށެވެ. އެ މަޝްރޫޢުގެ ފޭސް-1ގެ ޑިޒައިން އަދި ސާރވޭގެ މަސައްކަތްތައް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.