މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ކުރިއަށްދާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ދިމާވި ހުރަސްތައް ހައްލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް ބޭނުންކުރާ އުޅަނދުފަހަރަށް ތެޔޮ ލިބުމުގައި ދިމާވި ދަތިތައް މިހާރު އެއްކޮށް ހައްލުކުރެވިފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މަޝްރޫއުތަކުގެ މަސައްކަތްތައް ވަރަށް ބޮޑަށް ހަލުވިވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ގުޅީފަޅާއި ގިރާވަރުފަޅުގެ މަސައްކަތްތައް އެއްވެސް ހުއްޓުމެއްނެތި ރޭވިފައިވާ ގޮތަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން އާރުޑީސީގެ އުޅަނދުތައް ބޭނުންކޮށްގެން ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، އެތަނުން ގޯތި ދޫކުރުމުގެ ކަންކަންވެސް ހިނގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރަސްމާލެ މަޝްރޫއުވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، އެ މަޝްރޫއުގެ 60 ޕަސަންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ތަރައްގީގެ މި ބޮޑެތި މަޝްރޫއުތައް ވީހާވެސް އަވަހަކަށް ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތް ކަމަށެވެ.
