ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް ވިހަގަދަ މަކުނެއް ކަމަށްވާ "ފަނެލް ވެބް ސްޕައިޑަރ" ގެ ވިހައިގަ ހިމެނޭ މާއްދާއަކުން ހާޓް އެޓެކް ޖެހޭ ފަރާތްތަކަށް ފަރުވާކުރެވިދާނެކަމަށް ފަހުގެ ދިރާސާތަކުން ހޯދައިފިއެވެ. 

އޮސްޓްރޭލިއާގެ ހިތުގެ ބައްޔާގުޅޭ ރިސާޗް އިންސްޓިޓިއުޓަކުން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުން ފަނެލް ވެބް މަކުނުގެ ވިހައިގަައި ހިމެނޭ މާއްދާއެއް ބޭނުން ކޮށްގެން ހާޓް އެޓެކް ޖެހޭ ފަރާތްތަކަށް ފަރުވާ ކުރުމާއި ހިތުގެ ޓްރާންސްޕްލާންޓް ހަދާ ފަރާތްތަކުގެ ހިތް ރަނގަޅު ސިއްހަތެއްއި ގިނަ ދުވަހު މަސައްކަތް ކުރުމަށް އެހީވެދޭނެކަމަށް ވެއެވެ. 

ހާޓް އެޓޭކް ޖެހުމަށްފަހު އިންސާނާ މަރުވާން ދިމާވާ ސަބަބާބެހޭގޮތުން އެ ދިރާސާ ކުރިއަށްގެންދިޔަ ޓީމުގެ އިސްފަރާތް ކަމުގައިވާ ޕްރޮފިސަރ މެކްޑޮނަލްޑް ވިދާޅުވީ، ހާޓް އެޓެކް ޖެހުމަށްފަހުގައި ހިތުގެ ލޭހިގުން ދަށްވެގެންދާ ކަމަށާއި އޭގެ ސަބަބުން އޮކްސިޖަން ފޯރުކޮށްދޭ މިންވަރު ދަށްވެ ސެލްތައް އެސިޑިކް ވާން ފެށުމުން ހިތުގެ ސެލްތައް މަރުވުމަށް މެސެޖެއް ފޮނުވާކަމަށެ. އަދި އެ މެސެޖްގެ ސަބަބުން ހިތުގެ ސެލްތައް ހުއްޓި އިންސާނާ މަރުވާން މެދުވެރިވާ ކަމަށް މެކްޑޮނަލްޑް ވިދާޅުވިއެވެ. 

"ފަހުގެ ދިރާސާއިން ސާބިތުވާ ގޮތުގައި ފަނެލް ވެބް މަކުނުގެ ވިހައިގައި ހިމެނޭ މާއްދާ ބޭނުންކޮށްގެން ހާޓް އެޓޭކް ޖެހުމަށްފަހުގަ އޮކްސިޖަން ދަށްވުމުގެ ސަބަބުން އަންނަ އެސިޑިކް ރިއެކްޝަން ދެނެގަތުމަށްފަހު ހިތުގެ ސެލްތައް މަރުވުމަށް އެ ފޮނުވާ މެސެޖް ހިތުގެ ސެލްތަކާހަމައަށް ވާސިލްވުން ހުއްޓުވޭނެ. އެހެން ކަމުން ހާޓް އެޓެކް ޖެހުމަށްފަހުގައިވެސް ހިތުގެ ސެލްތައް މަރުނުވެ ރަނަގަޅު ސިއްހަތުގައި ދިގު މުއްދަތަކަށް މަސައްކަތް ކުރުމަށް އެހީވެދޭނެ" މެކްޑޮނަލްޑް ވިދާޅުވިއެވެ.

ހާޓް އެޓޭކް ޖެހޭ ފަރާތްތަކުގެ އިތުރުން ހިތުގެ ޓްރާންސްޕްލާންޓް ހެދުމުގައިވެސް މަކުނުގެ ވިހައިގަ ހިމެނޭ އެ މާއްދާ ބޭނުންކުރުމުން ޓްރާންސްޕްލާންޓްގައި ހިތައް ލިބޭ ގެއްލުންކުޑަކުރެވި ހިތުގެ ބަލީގެ މީހުންނަށް ދިގުމުއްދަތެއްގައި ދުނިޔޭގައި ހުރުމުގެ އުންމީދު އާވެގެންދާނެއެވެ. 

ވިހައިގެ ސަބަބުން އިންސާނާ މަރުވާނެ ވަރުގެ ގަދަ ވިހައެއް ނަމަވެސް އޭގައި ހިމެނޭ ވަކި މާއްދާއެއްގެ ސަބަބުން އުންމީދު ގެއްލިފައިވާ އެތައްބަޔަކަށް ވަނީ އުންމީދު އާވެފައެވެ. ދިރާސާ ކުރިއަށްގެންދިޔަ ފަރާތްތަކުން މިހާރު ތައްޔާރުވަމުންދަނީ ކުރިއަށް އޮތް ދެތިން އަހަރުތެރޭގައި އެ ފަރުވާ ހޮސްޕިޓަލްތަކުގައި ޓެސްޓު ކުރުމަށެވެ.