ރާއްޖޭގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްލިކޭޝަންތަކެއް ބޭނުންނުކުރެވޭ ގޮތަށް މަނާކުރުމަށް ސަރުކާރުން ނިންމައި، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އެކަން ތަންފީޒު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މި ނިންމުމަކީ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުން އަޅާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމާފައިވަނީ އޮސްޓްރޭލިއާ ސަރުކާރުން މިހާރު މި ކަމުގައި ގެންގުޅޭ ނަމޫނާ މިންގަނޑުތަކަށް ބައްލަވައިގެންނެވެ. ފުރާވަރުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ސަބަބުން ސައިބާ ބުލީ ކުރުމާއި، އޮންލައިން ގްރޫމިންގެ އިތުރުން ނުރައްކާތެރި ކޮންޓެންޓްތަކަށް ހުށަހެޅެމުންދާ ކަމީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށްވެފައި، ދިވެހި މުޖުތަމައަކީ އިސްލާމީ ރިވެތި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ގައުމަކަށް ވާތީ، ކުޑަކުދިން މިފަދަ ނުރައްކާތަކުން ސަލާމަތްކުރުމަކީ ސަރުކާރުގެ ބޮޑު ޒިންމާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މި ނިންމުން ރާއްޖޭގައި ތަންފީޒުކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސޯޝަލް މީޑިއާގެ އެޕްތައް ހިންގާ އިންޓަނޭޝަނަލް ކުންފުނިތަކާ މުއާމަލާތްކޮށްގެން އޮސްޓްރޭލިއާގެ މިންގަނޑުތައް ރާއްޖެއަށް ތައާރަފްކުރެވޭނެ ގޮތްތައް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިތުރަށް ވިދާޅުވީ، ކުޑަކުދިން ސޯޝަލް މީޑިއާއިން ދުރުކުރުމަށް ކުރާ މި މަސައްކަތުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އާންމުންގެ ހިޔާލާއި މަޝްވަރާ ވެސް ސަރުކާރުން ހޯދާނެ ކަމަށެވެ.
