މާލޭގެ އާންމު ބާޒާރުގައި ވިއްކާ ފިޔާގެ އަގު މި ދުވަސްވަރު ކުއްލިއަކަށް ބޮޑުވެފައިވީ ނަމަވެސް، ހެޔޮ އަގުގައި ރައްޔިތުންނަށް ފިޔާ ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ދައުލަތުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯއިން ދީފިއެވެ.
އެ ކުންފުނިން ބުނީ، ފިޔާ އެތެރެކޮށް އާންމުންނަށް ފޯރުކޮށްދިނުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. މާލޭގެ ފިހާރަތަކުގައި ކުރިން 8 ރުފިޔާއަށް ލިބެން ހުރި ފިޔާ ކިލޯއެއްގެ އަގު މިހާރު ވަނީ 25 ރުފިޔާއަށް އުފުލިފައެވެ.
އާންމު ވިޔަފާރިވެރިން ފިޔާ ވިއްކާ އަގު އުފުލުމާ ގުޅިގެން ގިނަ ރައްޔިތުންތަކެއް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންނަމަވެސް، ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އެތެރެކުރާ މައި ކުންފުނީގެ ގުދަންތަކުގައި އާންމުންނަށް ދަތިނުވާނެ މިންވަރަށް ފިޔާގެ ސްޓޮކް އެބަހުއްޓެވެ. މީގެ ސަބަބުން، މާކެޓުގައި އުފެދިފައިވާ އަގުގެ އުފުލުން ކޮންޓްޜޯލް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
އަސާސީ ކާބޯތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން އަންނަނީ މެދުކެނޑުމެއްނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މީގެ ކުރިންވެސް ބާޒާރުގައި އަލުވި، ބިސް އަދި ފިޔާ ފަދަ ބާވަތްތަކުގެ އަގު އިންތިހާއަށް އުފުލިގެން ދިޔަ ދަނޑިވަޅުތަކުގައި، އެ ކުންފުނިން ވަނީ ހެޔޮ އަގުގައި މި ބާވަތްތައް ބާޒާރަށް ނެރެފައެވެ. އަދި އެކި މުނާސަބަތުތަކާ ގުޅުވައިގެން، އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ މެދުވެރިކޮށް ހާއްސަ ޕްރޮމޯޝަންތައްވެސް ހެޔޮ އަގުގައި އާންމު ރައްޔިތުންނަށް ފޯރުކޮށްދީފައިވާކަން ފާހަގަކޮށްލެވެއެވެ.
