އިންޑިއާގެ މުމްބާއީގެ އުސް އިމާރާތެއްގެ ކުޑަދޮރުން ބޭރު ފާރު މައްޗަށް ނިކުމެ، ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއްގައި ހުރެ، އަވަށްޓެރި އަންހެނަކު ހެދުން ބަދަލުކުރަނިކޮށް ސިއްރުން ވީޑިއޯކުރަން އުޅުނު ދުވަސްވީ ފިރިހެނެއްގެ ވީޑިއޯ އާންމުވެއްޖެއެވެ۔ މުމްބާއީގެ ސެކްޓަރ 26 ގައި ހުންނަ ރާޖަތު ވިހާރު ސޮސައިޓީގައި ހިނގި މި ހާދިސާ ކެމެރާއަށް ރެކޯޑުކޮށްފައިވަނީ އެ ސަރަހައްދުގެ އެހެން ބަޔަކަށެވެ۔
އެގައުމުގެ ބައެއް ރިޕޯޓުތަކަށް ބަލާއިރު، މި ހާދިސާ ހިނގާފައިވަނީ މިއަހަރުގެ މޭ މަހުގެ 2 ވަނަ ދުވަހުއެވެ۔ އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އެ މީހާ އުސް އިމާރާތެއްގެ ކުޑަދޮރުން ބޭރަށް ނިކުމެ، ބޭރު ފާރުގައި ހުރި ވަރަށް ހަނި ތަންކޮޅެއްގެ މަތީގައި ނުރައްކާތެރި ގޮތަކަށް އިށީނދެގެން އިނދެއެވެ۔ އަދި ޖެހިގެން ހުރި ބެލްކަންޏާ ދިމާއަށް ގުދުވެ، އޭނާގެ މޮބައިލް ފޯނު ބޭނުންކޮށްގެން ކުޑަދޮރުގެ ތެރެއިން ސިއްރުން ވީޑިއޯ ކުރަމުންދިޔައީ ގޭގެ އެތެރޭގައި ހެދުން ބަދަލުކުރަން ހުރި އަންހެން އަވަށްޓެރިޔާއެވެ۔
މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު، އާންމުންގެ ފަރާތުން އޭނާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ۔ އުމުރުން ދުވަސްވީ މީހަކު އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން، މީހުންގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތަކަށް އަރައިގަނެ މިފަދަ ހުތުރު އަމަލެއް ހިންގުމުން ގިނަ ބަޔަކު ދަނީ އޭނާއަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުންނެވެ۔
