ރާއްޖޭގެ އުތުރުގެ ރަށްތަކާއި މެދުރާއްޖޭގެ އަތޮޅުތަކަށް ކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ. އެ އިދާރާއިން ބުނީ އުތުރުގެ ރަށްތަކަށް ބޯކޮށް ވިއްސާރަކޮށް މެދުރާއްޖޭގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރި ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށެވެ. މީގެ އިތުރުން ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ބ އަތޮޅުން ފެށިގެން ދ އަތޮޅަށް މިހާރު ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މެޓް އޮފީހުން މެދުރާއްޖެތެރެއަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދުގެ ހެނދުނު 10:45 އިން ފެށިގެން ހަވީރު 16:00 ގެ ނިޔަލަށެވެ. އެ ވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ވައިގެ ބާރުމިނަށް ބަލާއިރު ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
މޫސުމާ ބެހޭ އޮފީހުން އިތުރަށް ބުނީ މެދުރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް ބުނެފައިވެއެވެ. ރާޅުގެ އުސްމިނަށް ބަލާއިރު މެދުރާއްޖެތެރެއާއި އުތުރަށް 4 ފޫޓާއި 7 ފޫޓާ ދެމެދުގެ އުސްމިނެއްގައި ރާޅު ހުންނާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދު ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.
