ވާހަކަދެއްކުމާއި މުވާސަލާތު ކުރުމުގެ ހުނަރުތައް ކުރިއެރުވުމަށް އަމާޒުކޮށްގެން ބާއްވާ "މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކާސް ސަމިޓް" ގެ ތިންވަނަ އެޑިޝަން އަންނަ ޖުލައި މަހު ބާއްވަން ނިންމައިފިއެވެ. މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކާސް އެސޯސިއޭޝަން (އެމްޕީއެސްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މި ސަމިޓް ކުރިއަށްދާނީ ޖުލައި މަހުގެ 11 އަދި 12 ވަނަ ދުވަހު މާލޭގައި ހުންނަ އެމްއެންޔޫ ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައެވެ.
"ވޮއިސަސް އޮފް އިމްޕެކްޓް" ގެ ތީމަށް ކުރިއަށްގެންދާ މި އަހަރުގެ ސަމިޓުގައި އެމެރިކާ، ސިންގަޕޫރު، ސްވިޑަން، އިންޑިއާ، އިނގިރޭސިވިލާތް އަދި ރަޝިއާ ފަދަ ގައުމުތަކުގެ އިންޓަނޭޝަނަލް ތަޖުރިބާކާރުންގެ އިތުރުން ރާއްޖޭގެ ފާހަގަކޮށްލެވޭ ސްޕީކަރުން ބައިވެރިވާނެއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓުގައި ވާހަކަދެއްކުމުގެ ހުނަރުތަކާއި، ލީޑަޝިޕް ކޮމިއުނިކޭޝަން އަދި އަމިއްލަ ބްރޭންޑް ކުރިއެރުވުމާ ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ހިއްސާކުރާނެއެވެ.
އެމްޕީއެސްއޭ އިން ބުނީ މި ސަމިޓަކީ ވާހަކަދެއްކުމުގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށާއި، ވިޔަފާރިވެރިންނާއި ލީޑަރުންގެ އިތުރުން މުވާސަލާތުކުރުމުގެ ހުނަރު ތަރައްގީކުރަން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ހުޅުވާލެވިފައިވާ މުހިންމު ފުރުސަތެއް ކަމަށެވެ. މި ސަމިޓުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް، އެމްޕީއެސްއޭގެ ރަސްމީ ޕްލެޓްފޯމް މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
