މ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް މި މަހުގެ ފަހުކޮޅު ފެށުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ. ރާއްޖޭގެ ރަށްތައް ހައިސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މި ހިދުމަތް ފޯރުކޮށްދެނީ އެމްޓީސީސީ މެދުވެރިކޮށެވެ. ރައްޔިތުންނަށް ފެންވަރު ރަނގަޅު، އިތުބާރުހުރި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ފަށާފައިވާ މި ހިދުމަތް މިހާތަނަށް ރާއްޖޭގެ 15 އަތޮޅެއްގައި ވަނީ ފަށާފައެވެ.

މި މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއަހަރުގެ ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅަކަށް މި ހިދުމަތް ފުޅާކުރުމަކީ އަމާޒެއް ކަމަށެވެ. އާރްޓީއެލް ފެރީގެ ހިދުމަތަކީ އާންމު ދަތުރުފަތުރާއި، ސިއްހީ ހިދުމަތް ފަދަ ޒަރޫރީ ބޭނުންތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ. ހާއްސަކޮށް، އަތްފޯރާފަށުގައި އަގުތައް ހުރުމަކީ ރައްޔިތުންނަށް ލިބިގެންދާނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

މ. އަތޮޅުގައި މި ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން، ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން އެ އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް، ހިދުމަތާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ދަނީ ބާއްވަމުންނެވެ.

މ. އަތޮޅުގެ އިތުރުން ދެން މި ހިދުމަތް ފެށުމަށް ބާކީ އޮތީ ޒޯން 3 ގައި ހިމެނޭ ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިއަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ މި ނިޒާމުން ގުޅާލުމަށެވެ.